ކުނި އުކާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ވެމްކޯއިން ކުޑަކުރަނީ

ވެމްކޯ ސައިޓްގައި އޮތް ކުނި ލޮރީއަކަށް މީހަކު ކުނި އަޅަނީ: ކުނި އުކާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރަން ވެމްކޯއިން ވަނީ ނިންމައިފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ކުނި އުކާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ވެމްކޯއިން ކުޑަކުރަން ނިންމައިފިއެވެ.

ވެމްކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އާންމު ފަރާތްތަކުން ވެހިކަލްތަކުގައި ގެންދާ ކުންޏަށް 1،060 ރުފިޔާ މިހާރު ނަގަމުން އައި ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ވެހިކަލްގައި ގެންދާ ކުނީގެ ފީ 750 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުރަމާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ޚިދުމަތުގެ އަގެއް ގޮތުގައި ވެމްކޯގެ ސައިޓަށް ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އަދި ފެސިލިޓީތަކަށް ކުނި ގެންދާ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެންދިއުމުން ޗާޖު ކުރާނީ ގެންދާ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660 ރުފިޔާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ވެއި ބްރިޖު ނެތް ފެސިލިޓީތަކުން އާންމުންގެ އަތުން ނަގާނީ ޓަނަކަށް 750 ރުފިޔާކަމަށް ވެމްކޯއިން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް