މި ސަރުކާރުން 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި: ޝިޔާމް

މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ގުންޒަރުގައި ރައީސާއި ޝިޔާމް: މި ސަރުކާރުން 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މަސްވެރިންނަށް 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ހއ.ގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޝިޔާމް އިހަވަންދޫގައި އޮތް ޖަލްސާގައި، މި ސަރުކާރު އައިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ. އަދި ކުރީ ސަރުކާރުގައި ފައިސާ ޗާޕުކޮށްގެން ވެސް އެ ފައިސާ އަދާނުކުރެވި އޮތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް އެންމެ ފުރަތަމަ ނިންމެވި އެއް ނިންމެވުމަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން ކަމަށެވެ.

"އެކަމުގެ ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުންތަކަށް އެކަމުގެ ނޭދެވޭ އަސަރު އިމީޑިއެޓްލީ ނުކުރިޔަސް އޭގެ އަސަރު ކުރާކަން އަޅުގަނޑުމެންނަށް ފެންނާތީވެ އަދި އެކަން އެނގޭތީވެ އެމަނިކުފާނު އެ ނިންމެވުން ނިންމެވި،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ފައިސާ ޗާޕުނުކުރި ނަމަވެސް މި ސަރުކާރުން މަސްވެރިންނަށް ދޫކުރެވިފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް 522 މިލިއަން ރުފިޔާ މިއަދާ ހިސާބަށް ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް މަސްވެރިން ދައްކަން ޖެހި، ނުދައްކާ ފައިސާ ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެކަމަކު ވެސް އެބައޮތް ބެކްލޮގް. އެއީ ކޮންމެ ދުވަހަކު ވެސް މަސްވެރިކަން އެބަކުރޭ. މި ރަށަށް ވެސް އާމްދަނީ އެބަވައްދާ، އެއީ 15 ދޯނިން ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޔަގީނުން ވެސް ދުވާލެއްގެ މައްޗަށް އެވަރެޖު މަސްވެރިކަމެއްގައި ތިން މިލިއަނެއްހާ ރުފިޔާ ވަންނާނެ،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް އެ މައްސަލަ އެއްކޮށް ހައްލުކޮށް ދެއްވާނެކަމަށް ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭތާ ތިން މަސްދުވަސް ވެފައިވާކަމަށް ބުނެ މިދިޔަ އާދިއްތަ ދުވަހު މަސްވެރިން ގއ. ކޫއްޑޫގައި މުޒާހަރާ ކުރަން ފެށިއެވެ. އެ މުޒާހަރާ ހޫނުވެ، މަސްވެރިން ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނައެވެ.

https://sun.mv/189056

އެ މުޒާހަރާ ހުއްޓާލީ ދެ ދުވަސް ފަހުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ. އެގޮތުން މިދިޔަ ހަފުތާ ތެރޭގައި 70 މިލިއަން ރުފިޔާ ދީފައިވާއިރު އަންނަ ހޯމަ ދުވަހުގެ ކުރިން 30 މިލިއަން ދީ ނިންމާނެކަމަށް ފިޝަރީޒް މިނިސްޓްރީންވަނީ ބުނެފައެވެ.

comment ކޮމެންޓް