ފަރުކޮޅުން ފެނުނު 10 ފޫޓުގެ ކިނބުލެއް ހިފައިފި

ށ.ފަރުކޮޅަށް ގޮސް އުޅުނު ބަޔަކަށް 10 ވަރަކަށް ފޫޓުގެ ކިނބުލެއް ފެނެއްޖެ---ފޮޓޯ/އަހްމަދު މުޖްތަބާ

ށ. ފުނަދުއާ އެއްފަޅެއްގައި އޮންނަ ރަށެއް ކަމަށްވާ ފަރުކޮޅަށް ގޮސް އުޅުނު ބަޔަކަށް 10 ވަރަކަށް ފޫޓުގެ ކިނބުލެއް މިއަދު ފެނިއްޖެއެވެ.

އެ ކިނބޫ ފެނުނު މީހުންގެ ތެރޭގައި ހިމެނޭ، ފުނަދުއަށް ނިސްބަތްވާ އަހުމަދު ރާޒީ "ސަން"އަށް ބުނީ އޭތި ފެނުނީ އޭނާއާއި ދެ އެކުވެރިއަކު އެރަށަށް ކާށި ހޮވަން ގޮސް އުޅެނިކޮށް ކަމަށެވެ. ރާޒީ ބުނި ގޮތުގައި އެމީހުން އެ ރަށަށް ދިޔައީ 15:30ހާއިރުއެވެ.

އޭނާ ބުނީ ކިނބޫ ފެނުމާއެކު ފުލުހުންނަށް އެކަން އެންގި ކަމަށާއި ފުލުހުން އޭތި ހިފަން ދިޔަ ކަމަށެވެ.

ކިނބޫ ވަލުން އައްސާފަވާ މަންޒަރު---ފޮޓޯ/އަހްމަދު މުޖްތަބާ

ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅު 'ސަން' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ކިނބޫ ހިފުމަށް ފަހު ގެންދިޔައީ އެ ރަށަށް ކަމަށެވެ.

އޭގެ ކައިރީގައި ފުލުހުން ހަރާކާތްތެރިވަމުން އަންނަ ކަމަށާއި އޭތި އޮތީ މީހުންނަށް ގެއްލުން ނުދެވޭނެހެން ވަލުން އައްސާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓު ކައިރިން ވެސް މިދިޔަ މަހު ފަހުކޮޅު ކިނބުލެއް ފެނިފައިވެއެވެ. ނުވަ ފޫޓުގެ އެ ދިގު ކިނބޫ ހިފީ ސިފައިން އެ ރަށަށް ގޮސްގެންނެވެ.

comment ކޮމެންޓް