ނުރައްކާތެރި ހާދިސާއަކަށް ހޭލުންތެރިކުރުމަށް ހިޔާގައި ހަރަކާތެއް ބާއްވައިފި

ހިޔާ ޓަވަރުގައި ބޭއްވުނު "އެކްސަސައިޒް ހިޔާ"ޕުރޮގްރާމް ގެ ތެރެއިން... ފޮޓޯ: އެމްއެންޑީއެފް

ހިޔާ ޓަވަރެއްގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި, ހާދިސާތަކަށް އިޖާބަދިނުމުގައި ހަރަކާތްތެރިވާ އެޖެންސީތަކުން ގުޅިގެން "އެކްސަސައިޒް ހިޔާ"ގެ ނަމުގައި ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހަރަކާތަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސް އެއިޑް) 'ސްޕްރިންގ ޕްރޮޖެކްޓް'ގެ ދަށުން، އޭޝިއަން ޑިޒާސްޓާ ޕްރެޕެއާޑްނެސް ސެންޓަރު (އޭޑީޕީސީ)ގެ އެހީއާއެކު ބޭއްވި އެކްސަސައިޒެއް ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 16 ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި އެ ހަރަކާތް ކުރިއަށް ގެންދިޔައީ، ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއިން ގުޅިގެންނެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހަރަކާތަކީ ހާދިސާތަކަށް އިޖާބަދިނުމުގައި ހަރަކާތްތެރިވާ އެޖެންސީތަކުގެ އެސްއޯޕީތަކަށް އަހުލުވެރިވުމުގެ ގޮތުން، ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ކޯޑިނޭޝަން އިތުރުކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

އެގޮތުން، އިޖާބަދިނުމުގެ އިސްތިރާޖީތައް އަމަލީގޮތުން ޓެސްޓުކޮށް، ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށްޓަކައި އެ އެކްސަސައިޒްގައި، ހިޔާ ޓަވަރެއްގައި ރިއަލް ލައިފް ސިނާރިއޯއެއް ސިމިއުލޭޓްކޮށް، ވަނީ ފަރިތަކޮށްފައެވެ.

އެ އެކްސަސައިޒް ބޭއްވުމަށް އިތުރު އެހީތެރިކަން ދީފައިވާ އެޖެންސީތަކުގެ ތެރޭގައި ފުލުހުންނާއި އެޗްޑީސީއާއި، މާލެ ސިޓީ ކައުންސިލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް އަދި އީއެމްއެސް ހިމެނޭކަމަށް އެމްއެންޑިއެފުން ފާހަގަކުރިއެވެ.

comment ކޮމެންޓް