އާލިއާގެ ފިލްމު 'ޖިގްރާ' މި އަހަރުގެ ސެޕްޓެމްބަރު މަހު

ފިލްމު "ޖިގްރާ"ގެ ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ވެދާންގް ރައިނާ-- ފޮޓޯ/ ބޮލީވުޑްހަންގާމާ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ އިއުލާނުކުރި ބަތަލާ އާލިއާ ބަޓްގެ ފިލްމު "ޖިގްރާ"ގެ މަސައްކަތް ނިންމާލުމަށްފަހު ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ.

ވަސަން ބާލާ ޑައިރެކްޓް ކުރާ މި ފިލްމަކީ ދަރުމާ ކުންފުންޏާއި އާލިއާ ބަޓްގެ އަމިއްލަ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމެކެވެ.

ފިލްމު "ޖިގްރާ"ގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ އެއްބަޑު އެއްބަފާ ދެބެއިންގެ ލޯބީގެ ވަރުގަދަ ގުޅުމުގެ މައްޗަށެވެ. އާލިއާ ބަޓް ދައްތައެއްގެ ރޯލްއިން ފެންނަ މި ފިލްމުގައި އޭނާގެ ފިރިހެން ކޮއްކޮއަށް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކުރާ ގިނަ ހާދިސާތަކެއް ފިލްމުގައި ހިމެނެއެވެ. އާލިއާ ބަޓްއާ އެކު ފިލްމުގެ މުހިއްމު ރޯލްއިން ފެންނާނީ މިދިޔަ ޑިސެމްބަރު މަހު ނެޓްފްލިކްސްއަށް ގެނައި "ދި އާޗީސް"އިން ފިލްމީ ދުނިޔެއަށް ތަޢާރަފްވި ވެދާންގް ރައިނާއެވެ.

ފިލްމު "ޖިގްރާ"ގެ މަސައްކަތް ނިންމާލުމަށްފަހު ވެދާންގް ކުރި އިންސްޓްގަރާމް ޕޯސްޓެއްގައި ބުނިފައިވަނީ މި ފިލްމުގައި އޭނާ ކުޅުނު ކެރެކްޓާ އަކީ ވަރަށް ތަފާތު މާނައިން ފުރިގެންވީ ތަޖުރިބާއެއް ކަމުގައެވެ.

ފިލްމު "ޖިގްރާ"ގެ ފުރަތަމަ ޕޯސްޓަރު-- ފޮޓޯ/ ބޮލީވުޑްހަންގާމާ

މި އަހަރު އާލިއާ ބަޓް ސިނަމާއިން ފެންނާނެ ހަމައެކަނި ފިލްމު "ޖިގްރާ" ސިނަމާތަކަށް އަންނަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ އާލިއާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދަރުމާ ކުންފުނިން އުފެއްދި ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި ހޮލީވުޑް ފިލްމު "ހާޓް ސްޓޯން"އިންނެވެ.

comment ކޮމެންޓް