ބޯހިޔާވަހިކަމަށް ބޮޑު ސަރަހައްދެއް ޚާއްސަކޮށް، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލައިފި

ގުޅީފަޅު -- ފޮޓޯ: އެޗްޑީސީ

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ބޭނުމުގައި ތަރައްގީކުރަމުން އަންނަ ކ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މިއަދު އާއްމުކޮށްފިއެވެ.

ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދަކާއި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބިން ވަނީ ކަނޑައަޅައިފައެވެ.

މިގޮތުން އެ ޕްލޭންގައި ތައުލީމީ ޚިދުމަތާއި ސިއްހީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީކުރުމަށް ސަރަހައްދުތަކެއް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކުތަކާއި ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޕްލޭންގައި ހިމަނައިފައިވެއެވެ.

ގުޅީފަޅު ލޭންޑް ޔޫސް ޕެލޭން -- ފޮޓޯ: އެޗްޑީސީ

ގުޅީފަޅުގައި އިގްތިޞާދީ މަސައްކަތްތަކަށް ވެސް ޚާއްސަ ސަރަަހައްދުތައް ކަނޑައަޅައިފައިވެއެވެ. އެގޮތުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާރިތަކަށް ޚާއްސަ ސަރަހައްދުތަކެއް އެ ޕްލޭންގައި ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ޚާއްސަކޮށް ސިޓީ ހޮޓާ ތަރައްގީކުރުމަށް ވެސް ވަނީ ބިން ކަނޑައަޅައިފައެވެ.

ގުޅީފަޅު ހިއްކުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއުގެ ދަަށުން ހިއްކަންޖެހޭ 150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި އޮތީ ދޫކޮށްފައެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފައިވާއިރު، މި ތަނަކީ ކުރިއަށް އޮތްތަނުގައި ތިލަމާލެ ބްރިޖާއެކު ވެރިރަށް މާލެއާ ގުޅޭނެ ރަށެކެވެ.

comment ކޮމެންޓް