ހަރަދު ކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް: ޕްރޮމޯޝަން ވެސް ދެވޭނީ ހުއްދަ ހޯދައިގެން

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު --- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް، ސަރުކާރުގެ ހަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް މާލީ ވުޒާރާއިން މިއަދު އަޅައިފިއެވެ.

މާލީ ގޮންޖެހުންތައް ބޮޑުވެ، ހާއްސަކޮށް ބޭރު ފައިސާ ލިބުމުގައި ވަނީ ވަރަށް ބޮޑު ބުރައަކަށްވެފައެވެ.

މާލީ ވުޒާރާއިން މިއަދު އާންމުކުރި ސާކިއުލާއެއްގައި ވަނީ މައިގަނޑު ހަތް ދާއިރާއަކުން ހަރަދުކުޑަކުރަން އަންގައިފައެވެ. އެގޮތުން، މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާއި ރަސްމީ ދަތުރުތައް ކުރުމާއި އިތުރު އެލަވަންސްތައް ތައާރަފުކުރުމާ ގުޅޭ އެންގުންތަކެއް ވެސް އެ ސާކިއުލާގައި ހިމަނާފައިވެއެވެ.

އެ ވުޒާރާއިން ވަނީ އެ ވުޒާރާގެ ހުއްދައާނުލައި ބައެއް ހަރަދުތައް ނުކުރެވޭގޮތް ހަދައިފައެވެ.

އެގޮތުން މުވައްޒަފުންނަށް ހިނގާ ހަރަދުތަކާ ގުޅިގެން އަންގާފައިވަނީ:

  • މާލީ ވުޒާރާގެ ހުއްދަ ނެތި އާ މަގާމެއް ނުއުފެއްދުން
  • ހުއްދަ ނެތި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
  • ބަޖެޓުގައި އޮތަސް މިހާރު ދޭން ނުފަށައި އެއްވެސް އެލަވަންސެއް ދޭން ނުފެށުން
  • ވުޒާރާގެ ހުއްދަ ނެތި އެއްވެސް ޒާތެއްގެ ކުރިއެރުމެއް ނުދިނުން
  • ކޮންމެހެން ކުރަންޖެހޭ ކަމަކަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުވުން

މީގެ އިތުރުން، ރާއްޖެއިން ބޭރަށް އެއްވެސް ރަސްމީ ދަތުރެއް ކުރުމުގެ ކުރީގައި ވެސް މާލީ ވުޒާރާގެ ހުއްދަ ހޯދަން ވަނީ އަންގައިފައެެވެ.

އެގޮތުން، ރާއްޖެތެރެއަށް ކުރާ ދަތުރުތައް ވެސް 35،000 ރުފިޔާއަށް ވުރެ ހަރަދު ކުޑަނަމަ، ފިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރެވޭނެއެވެ. އެކަމަކު، 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ދާނަމަ، މާލީ ވުޒާރާގެ ހުއްދައެއް ހޯދަން ޖެހޭނެއެވެ.

އޮފީސް ހިންގުމަށް ބޭނުންވާ ހަރަދުތައް ވެސް މި އުސޫލާ އެކު ދެން ކުރެވޭނީ ދަތުރުތަކުގެ ހަރަދުތައް ކުރާ އުސޫލުން ހުއްދަ ހޯދައިގެންނެވެ.

އަޅާފައިވާ އިތުރު ބައެއް މުހިއްމު ފިޔަވަޅުތައް:

  • ގައުމީ ފެންވަރުގެ ސްކޯލާޝިޕްތައް ފިޔަވައި އާ ސްކޯލާޝިޕްތައް ނުދިނުން
  • ކޮންމެހެން ބާއްވަން ޖެހޭ ތަމުރީނެއް ނޫނީ ނުބޭއްވުން
  • 35،000 ރުފިޔާއަށް ވުރެ ބޮޑު މަރާމާތެއް ކުރަންޖެހޭނަމަ މާލީ ވުޒާރާގެ ހުއްދަ ހޯދުން

ހަރަދު ކުޑަކުރަން މާލީ ވުޒާރާއިން ބޮޑެތި ފިޔަވަޅުތަކެއް އެޅީއިރު، ސަރުކާރުގެ ހަރަދު ކުޑަކުރަން އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް