އަޅުކަން އަޅުކަމަށް ބެލެވޭނީ ތައުހީދާ އެކު: ޚުތުބާ

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އަޅުކަން ކުރުމަށް ކަމަށްވާއިރު، އެ އަޅުކަން އަޅުކަމެއްގެ ގޮތުގައި ބެލެވޭނީ ނުވަތަ އަޅުކަމަށް ވާނީ ތައުހީދާ އެކު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެއެވެ.

ނަބަވީ ސުންނަތާއި ތައުހީދުގެ މައްޗަށްކީ ޚުތުބާގައި ބުނީ، އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެ ނަމަ، އެ އަޅުކަމެއް ފަސާދަ ވާނޭކަމަށެވެ. އަދި، އިސްލާމް ދީނުގެ އަސާސަކީ ތައުހީދު ކަމަށާއި ރަސޫލާ މައްކާގައި 13 އަހަރު ހޭދަ ކުރެއްވީ ތައުހީދަށް ގޮވާލެއްވުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، މާތް ﷲ އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަސްލު ކަމަށެވެ. އަދި، އެ ކަލާންގެ ރަސޫލުން ފޮނުއްވާ ފޮތްތައް ބާއްވާލެއްވީ އެކަން ހާސިލް ކޮށްދެއްވުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ހަމަ އެފަދައިން، ތައުހީދުގެ ސަބަބުން އަމަން އަމާންކަން ގާއިމްވެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭކަމަށް ޚުތުބާގައި ބުންޏެވެ.

"ކީރިތި ރަސޫލާ ތައުހީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި. އެންމެ ފުރިހަމަ ގޮތުގައި ތައުހީދުގެ ހުރިހާ ބައިތަކެއް ހިމާޔަތް ކުރެއްވި. އެކަލޭގެފާނުގެ ދައުމަތުގެ ފުރަތަމަ ޝިއާރަކީ މާތް ﷲ އެއްކައުވަންތަ ކުރުން،" ތައުހީދަށް ރަސޫލާ ދެއްވި އަހަންމިއްޔަތު ފާހަގަ ކުރައްވާ ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ޝަހާދަތުގެ ދެ ކަލިމައިގެ މާތްކަން ބަޔާންކުރައްވާ ޚުތުބާގައި ބުނީ، އެއީ އެންމެ މަތިވެރި ކަލިމަކަމަށެވެ. އަދި ދީނާއި މިއްލަތުގެ އަސްލަކީ އެއީ ކަމަށާއި ރައްސޫލު ބޭކަލުން އެ ބޭކަލުންގެ ރިސާލަތު ފެއްޓެވީ އެ މަތިވެރި ކަލިމައިން ކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް