ރެން އަތުން ބަލިވިޔަސް، މިލާން ދެވަނަ ބުރަށް

މިލާންއަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ލިއާއޮ އާއި ޔޮވިޗް ޕުލިސިޗް އާއެކު / ފޮޓޯ: ޔޫރޯ ސްޕޯޓް

ޔުއޭފާ ޔޫރޮޕާ ލީގުގެ ރައުންޑް އޮފް ސިކްސްޓީންގެ ބުރުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ގަދަ 16އިން މިލާން ޖާގަ ހޯދީ މިމުބާރާތުގެ ނޮކްއައުޓް ރައުންޑްގެ ޕްލޭ އޮފްގައި ރެންއާ ބައްދަލުކުރި ދެ ލެގަށް ބަލާއިރު 5-3 އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ދެ ޓީމުގެ ފުރަތަމަ ލެގު މިލާނުން ކާމިޔާބުކުރީ 3-0 އިންނެވެ. އެކަމަކު، ދެވަނަ ލެގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 3-2 އިން ބަލިވެފައެވެ.

ރެންއިން ވަނީ މެޗުގެ 11 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މިމެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަަހައިދިނީ ބެންޖަމިން ބޮރިގާޑްއެވެ. ނަމަވެސް ރެންއަށް މި ލީޑު ދެމެހެއްޓޭވަރުވީ މެޗުގެ 22 ވަނަ މިނެޓާ ހަމައަށެވެ. މިލާނުން ވަނީ ރެންއިން ލީޑު ނެގިތާ 11 މިނެޓް ފަހުން ލޫކާ ޔޮވިޗް ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.

މި މެޗުގައި ރެންއިން ދެވަނަ ފަހަރަށް ލީޑު ނަގައިފާވަނީ މެޗުގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ޖަހާދީ ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ވެސް ފުރަތަމަ ލަނޑު ޖަހައިދިން ބޮރިގާޑްއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން މިލާނުން ވަނީ ރަފައެލް ލިއާއޮ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ.

މެޗުން ރެން މޮޅުވި ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީއާ އެކު ކާމިޔާބު ކޮށްދިނީ ވެސް ބޮރިގާޑްއެވެ.

ބޮރިގާޑްގެ ހެޓްރިކާ އެކު މެޗުން މޮޅުވި ނަމަވެސް ރެންއަށް ގަދަ 16އިން ފުރުސަތެއް ނުލިބުނެވެ.

މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންގައި މިލާން ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުންނެވެ.

comment ކޮމެންޓް