ޝައިޠާންގެ ޓްރެއިލާ ބަލަން ކެރޭނެތަ؟

އަންނަ މަހުގެ އަށްވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ޝައިޠާން"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ޑައިރެކްޓަރު ވިކާސް ބަލް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، އަޖޭ ދޭވްގަން، ސައުތު ބަތަލާ ޖިޔޯތިކާ އަދި އާރް މާދަވަން މުހިއްމު ރޯލް ކުޅެފައިވާ ފިލްމެކެވެ. ބިރުވެރި އެތައް ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައި ވަނީ ސިހުރު ހާހޫރުގެ މަޅިތަކުން ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ސަލާމަތް ކުރުމަށް އެ އާއިލާއިން ކުރާ މަސައްކަތްތަކަށެވެ.

ސުޕަނޭޗުރަލް ޑްރާމާ "ޝައިޠާން" އަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ގުޖްރާތު ފިލްމު "ވިޝް"ގެ ރިމޭކްއެކެވެ. ޖިއޯ ފިލްމްސް އާއި އަޖޭ ދޭވްގަން ފިލްމްސް ގުޅިގެން އުފައްދާފައިވާ މި ފިލްމުގައި ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރުތަކެއް ބެލުންތެރިންނަށް ފެންނާނެކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.

ބެލުންތެރިންނަށް ދޫކޮށްލާފައިވާ ދެ މިނެޓުގެ ޓްރެއިލާ ބެލުމަށްފަހު އާރް މާދަވަން އަދި އަޖޭގެ އެކްޓިންއަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. އަދި، ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހަށް އިންތިޒާރު ކުރެވޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އާރް މާދަވަން އަކީ މިހާތަނަށް އޭނާ ކުޅެފައިވާ ކޮންމެ ފިލްކަމުން ވެސް ބެލުންތެރިންގެ މަގުބޫލުކަން އިންތިހާއަށް ހޯދާފައިވާ ފިލްމީ ތަރިއެކެވެ.

ފިލްމު "ޝައިޠާން"ގެ މަންޒަރެއްގައި އާރް މާދަވަން-- ފޮޓޯ/ފޭސްބުކް

ފިލްމު ގެނެސްދޭ ދެ ކުންފުންޏަކީ ވެސް މީގެ ކުރިން ވަރަށް ވަރުގަދަ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ދެ ކުންފުންޏަށްވުމުން ފިލްމު "ޝައިޠާން" އަކީ ވެސް ފެންވަރު ރަގަޅު އުފެއްދުމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އަޖޭ ދޭވްގަންގެ އިތުރު ހަތަރު ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެއިރު ފިލްމު "ޝައިޠާން"އަކީ މި އަހަރު އަޖޭ ސިނަމާއިން ފެންނާނެ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް