10،000 ވަޒީފާ އުފައްދައިދޭނެ، އައްޑޫ އައްސޭރި ޓޫރިޒަމް ޕްލޭން އިފުތިތާހުކޮށްފި

ޓޫރިޒަމް މިނިސްޓަރު ފައިސަލް އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމާ ގުޅޭ ޕްލޭން އައްޑޫ މޭޔަރު ނިޒާރާ ހަވާލުކުރަނީ ---

ސަރުކާރުގެ ހަފުތާ 14ގެ ދަށުން އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށް "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ޓޫރިޒަމް މިނިސްޓްރީއިން މިއަދު އިފުތިތާހުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ ސީޑިސީ ކޮންސަލްޓިންއިން އެކުލަވައިލި އެ ޕްލޭންގައި، ކުރިއަށް އޮތް ފަސް އަހަރު އެ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރާނެ ކަންކަމުގެ ތަފްސީލު ހިމަނާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން އައްޑޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ ----

އެ ފްލޭންގައި ދަށުން ސަރުކާރުގެ ވައުދާ އެއްގޮތަށް އެސިޓީގައި 6000 އެނދު ތަރައްގީކުރާއިރު 10،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، އައްޑޫގައި ކުރިން ހިންގި އަދި މިހާރު އޮޕަރޭޝަން ހުއްޓިފައި އޮތް ޝަންގްރިލާ ވިލިނގިލި ރިސޯޓްގެ ޚިދުމަތް އަލުން ފެށުމަށާއި ސީޕްލޭން ހަބެއް ގާއިމުކުރުމަށް ވެސް އެ ޕްލޭންގައި ވަނީ ހިމަނައިފައެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ އެ ޕްލޭން ފަރުމާކޮށްފައިވަނީ އެ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގެ އިތުރުން އައްޑޫގެ އިގުތިސާދަށް މަންފާވާ ގޮތަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޕްލޭންގެ މަގުސަދަކީ ހަމައެކަނި ޒިޔާރަތްކުރާ ފަރާތްތައް ޝައުގުވެރި ކުރުވުމެއް ނޫން ކަމަށާއި އައްޑޫ ސިޓީގެ މުއްސަނދި ތަރިކައާއި ގުދުރަތީ ރީތިކަން ދައްކައި ފަތުރުވެރިންނާއި ދިވެހިންނަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކަލްޗަރަލް ވިލެޖަކާއި ވެލްނެސް ޒޯންތަކާއި ހޮސްޕިޓާލިޓީ ސްކޫލެއް އެޅުމުގެ އިތުރުން ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކަނޑަޅަން އެ ޕްލޭންގައި ހިމަނާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް