ބޯހިޔާވަހިކަމުގެ ކަންކަމަށް 'ހިޔާވަހި ޕޯޓަލް' ލޯންޗުކޮށްފި

ހިޔާވަހި ޕޯޓަލް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން: އެ ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަކޮށް، ހައުސިން ސްކީމްތަކައް ހުށަހެޅޭނެ ---- ސަން ފޮޓޯ: އިންފިނިންޓް މޮމެންޓްސް/ މޫސާ ނަދީމް

ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހިމަނާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ ކަމަކަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ހިޔާވަހި ޕޯޓަލް މިއަދު ލޯންޗުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް ލޯންޗުކޮށްދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމެވެ.

މި ޕޯޓަލްއާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، މި ޕޯޓަލްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުން ހުރި ހުރިހާ ކަމަކަށް އޮންލައިންކޮށް ހުށަހެޅުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.

އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަކޮށް، ހައުސިން ސްކީމްތަކައް ހުށަހަޅައި، ބޯހިޔާވަހިކަމުގެ ލޯނުތަކުގެ އިތުރުން ބޯހިޔާވަހިކަމާ ގުޅުން ހުރި ޝަކުވާ ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

މި ޕޯޓަލް ބޭނުންކުރެވޭނީ އީފާސް މެދުވެރިކޮށް ހިޔާވަހި ޕޯޓަލްއަށް ލޮގިން ވެގެންނެވެ.

މިނިސްޓްރީއިން ބުނީ، އެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ސްކީމްތައް ހުށަހެޅުމުން އެޕްލިކޭޝަން ދަރަޖަ ކުރާނެ ކަމަށެވެ.

އެއާއެކު، މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކުގެ މައުލޫމާތު ރައްކާކޮށް ހައުސިންއާއި ގުޅޭ "ހައުސިން ނީޑްސް އެސެސްމަންޓް" ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީއިން ބުނީ މުސްތަގްބަލުގައި ސަރުކާރުން އެކުލަވާލާ ބޯހިޔާވަހިކަމުގެ މަޝްރޫތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

comment ކޮމެންޓް