ރަޝިޔާއިން ޖައްވަށް ނިއުކްލިއާ ހަތިޔާރު ފޮނުވަން އުޅޭ ވާހަކަ ދޮގުކޮށްފި

ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން (ކ) އާއި ރަޝިޔާގެ ދިފާއީ ވަޒީރު ސާގިއާ ޝޮއިގޫ --- ފޮޓޯ/އަލްޖަޒީރާ

ޖައްވަށް ނިއުކްލިއާ ހަތިޔާރު ފޮނުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ހަމައެކަނި ކުރި ކަމަކީ އެމެރިކާގެ ނިއުކްލިއާ ގާބިލުކަމާ އެއްވަރުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުން ކަމަށް ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން އެގޮތަށް ވިދާޅުވެފައިވަނީ "ކަންބޮޑުވާފަދަ" އެންޓި ސެޓެލައިޓް ގާބިލުކަމެއް ރަޝިއާއިން ހޯދައިފި ކަމަށް އެމެރިކާއިން މިދިޔަ ހަފުތާ ބުނުމުންނެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ ރަޝިޔާއިން ތަރައްގީކޮށްފައިވާ ހަތިޔާރަކީ ބައިނަލްއަގުވާމީ ޖައްވީ އެއްބަސްވުމާ ހިލާފުވާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ހަތިޔަރަކީ ނިއުކްލިއާ ގާބިލުކަން ލިބިފައިވާވާ ހަތިޔާރެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަން ކާބީ ވަނީ ދެކޮޅު ހައްދަވައިފައެވެ.

ރަޝިޔާ ހިމެނޭ ގޮތަށް 130 އަށް ވުރެ ގިނަ ގައުމުން ސޮއިކޮށްފައިވާ އެ މުއާހަދާގައި ނިއުކްލިއާ ހަތިޔާރު ނުވަތަ އެހެން ބާވަތެއްގެ ފަނާކުރަނިވި ހަތިޔާރެއް ނަމަވެސް ޖައްވަށް ފޮނުވުމާއި ޖައްވުގައި ބެހެއްޓުން މަނާކުރާ މުއާހަދާއެކެވެ.

އެކަމާ ގުޅިގެން ރަޝިޔާއާ ސީދާ ވާހަކަދެއްކުމުގެ މަސައްކަތްކުރާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން އެފަދަ ވާހަކަތައް ދައްކަނީ ޔޫކުރޭނަށް އެހީ ފޯރުކޮށްދޭން ކޮންގްރެސްއަށް ބާރުއެޅުމަށް ކަމަށް ރަޝިޔާއިން ބުނެއެވެ.

comment ކޮމެންޓް