ފޭދޫފިނޮޅު ކައިރިން މުދާތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

"ވައިޓް ސާފާ" ދޯނީގެ މުދާތައް އޮޔާދަނީ

ކ. ފޭދޫ ފިނޮޅު ކައިރިން މުދާތަކެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ތިލަފުށިން މާލެއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިރޭ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

އެގޮތުން، "ވައިޓް ސާފާ" ނަމަކަށް ކިޔާ މިދޯނީގެ ކުރޫއިން ފިޔަވާ ދޯނިން ދަތުރު ކުރި ހަތް މީހުން ވިލިމާލެއަށް ގެންގޮސްދީފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިރޭ 19:49 ހާއިރެވެ.

މެރިން ޕޮލިހުން ބުނީ، މި ދޯނީގެ މުދާތައް އެ ސަރަހައްދުން އޮޔާދާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރާ މީހުން އެކަމަށް ސަމާލު ވުމަށް އެމްއެންޑީއެފާއި މެރިން ޕޮލިހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކަނޑުމަތީގެ މިފަދަ ހާދިސާތައް ރާއްޖޭގައި ދޭތެރެއަކުން ހިނގައެވެ.

comment ކޮމެންޓް