މާކެޓިން ދާއިރާގެ ދުނިޔޭގެ ފެންވަރުގެ މާހިރުން ރާއްޖޭގެ މާކެޓާސް ސަމިޓަށް

މާކެޓިން ދާއިރާގެ ދުނިޔޭގެ ފެންވަރުގެ މާހިރުން، ރާއްޖޭގައި ބާއްވާ މާކެޓާސް ސަމިޓް 2024ގައި ބައިވެރިވާނެ ކަމަށް އެ ސަމިޓު އިންތިޒާރު ކުރާ ފަރާތްތަކުން ބުނެފިއެވެ.

މާކެޓާސް ސަމިޓް 2024 ފެށެން ބާކީ އެއްދުވަހަށް ވެފައިވާއިރު، ޔޫރަޕާއި، ޔޫއޭއީ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ ޢިއްޒަތްތެރިން އެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ސަމިޓު އިންތިޒާމު ކުރާ ޓީމުން ބުނެއެވެ.

އެ ސަމިޓަކީ އުފެއްދުންތެރި އީޖާދުތަކާއި އިންޤިލާބީ ޚިޔާލުތަކެއް ރާއްޖޭގެ މާކެޓިން ދާއިރާއަށް ގެނުވާނެ ސަމިޓަކަށްވާނެ ކަމަށް ވެސް އެ ޓީމުން ބުންޏެވެ.

އެމްއެންޔޫ ސީއޭ އޮޑިޓޯރިއަމްގައި ބާއްވާ ސަމިޓުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، ހޯލްގެ ޑިޒައިނާއި ބެނާތަކުން ފެށިގެން ވަކިވަކި ކޮންމެ ކަމެއްގައިވެސް ބަލަމުންދާނީ މިހާރު ބައިވެރިންގެ ގޮތުގައި ރެޖިސްޓާވެފައިވާ 300 ބައިވެރިންނަށް ވީހާވެސް ފުރިހަމަ ތަޖުރިބާއެއްދެވޭނޭހެން އިންތިޒާމުތައް ހަމަޖެއްސުމަށްކަމަށް މާކެޓާސް ސަމިޓް ޓީމުން ބުންޏެވެ.

މިއަހަރުގެ މާކެޓާސް ސަމިޓަށް ދުނިޔޭގެ ކަޅިވެސް ހުއްޓިފައިވާކަން ފާހަގަކޮށް، އެ ސަމިޓު އިންތިޒާމު ކުރާ ފަރާތްތަކުން ބުނީ، މާކެޓާސް ސަމިޓާ ގުޅޭ ފަލަސުރުޚީތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީޑިއާތަކުންވެސް ޖާގަހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ މާކެޓިންގްއާ ގުޅޭ ހުރިހާ ކަމަކަށް ދުނިޔޭގައި ފާހަގަކުރެވޭ ހަބެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް އެ ޓީމުން ބުންޏެވެ.

"އަޅުގަނޑުމެން މިތިބީ އިންޑަސްޓްރީގެ ލީޑަރުންގެ ފަރާތުން ލިބޭ ހެޔޮ ތަރުހީބާއި، މި ސަމިޓަށް އެބޭފުޅުން ކުރައްވާ އިންތިޒާރުގެ ސަބަބުން ވަރަށް އުފަލުން. ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން ލިބޭ ސަޕޯޓުން ދިވެހިރާއްޖޭގައި މާކެޓިން އިނޮވޭޝަން ކުރިއެރުމުގައި މި އިވެންޓުގެ މުހިންމު ދައުރު ހާމަވެގެންދެއެވެ." މާކެޓާސް ސަމިޓްގެ އިވެންޓް އެންގޭޖްމަންޓް މެނޭޖަރު އާމިނަތު ސަޖާހަތު ވަޙީދު ވިދާޅުވިއެވެ.

މާކެޓާސް ސަމިޓް 2024 ފެށެން އެއް ދުވަހަށްވެފައިވާއިރު، ރާއްޖެއިން ތައްޔާރުވަމުންދަނީ ތަފާތު އެތަކެއް ޚިޔާލުތަކަކާއި، އުޞޫލުތަކާއި ފިކުރުތަކަކާއެކު މާކެޓިން ދާއިރާގެ ޚިދުމަތްތެރިން އެއްތަންވެ، މިދާއިރާއަށް ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ ސަމިޓް ފެށުމަށް ކަމަށް އިންތިޒާމު ކުރާ ޓީމުން ބުންޏެވެ.

އެ ސަމިޓަށް ޓިކެޓް ރިޒާވްކުރުމަށާއި އިތުރު މަޢުލޫމާތު، www.marketerssummit.org ވެބްސައިޓުން ލިބޭނެއެވެ. އަދި 7600114 / 7322223 އަށް ގުޅުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް