ސާފްބޯޑު ގެނައުމަށް މޯލްޑިވިއަންއިން ނަގާ ޗާޖު ކުޑަކޮށްދޭނަން: ރައީސް

ކ. ހިންމަފޫށީގައި ދިވެހި ޒުވާނަކާ ފަތުރުވެރިޔެއް ރާޅާއަޅަން ދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަޅާއެޅުމަށްޓަކައި ރާއްޖެ އަންނަ ފަތުރުވެރިން ބޭނުންކުރާ ކަނދު، ސާފް ބޯޑު ގެންނަ އިރު މޯލްޑިވިއަން އެއާލައިނުން ނަގާ "ސާފްބޯޑު ސާޗާޖް" ކުޑަ ކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ވަނީ ރާޅާއެޅުމަށް ފަތުރުވެރީން ބޭނުންކުރާ ސާފް ބޯޑު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން އުފުލުމަށް ނަގާ ފީ ބޮޑުކަން ފާހަގަކޮށްފައެވެ.

އެގޮތުން މާލެއިން ގައްދޫއަށް އައުމަށް ދެކޮޅު ޓިކެޓާއި ސާފް ބޯޑަށް ނަގާ ޗާޖާ އެކު 800 ޑޮލަރު އަރާކަން އޭނާ ފާހަގަކުރިއެވެ.

ރަޝީދުގެ މި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސާފް ބޯޑަށް ނަގާ ޗާޖަކީ ގިނަ ރާޅާއެޅުންތެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން ފާހަގަވެފައިވާ ކަންބޮޑުވުމެއް ކަމަށެެވެ.

"މޯލްޑިވިއަން އިން ސާފް ބޯޑު ގެނައުމަށް މި ނަގާ ޗާޖު ވަރަށް ބޮޑު އެހެންނުންތޯ. އެހެންވީމަ އަޅުގަނޑު މިކަމާ ވާހަކަ ދައްކައިގެން އިރާދަ ކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ގައްދޫ އަކީ ރާޅާއެޅުމުގައި ފާހަގަ ކޮށްލެވޭ ހިސާބެކެވެ. މިއީ ފަތުރުވެރިން ވެސް ރާޅާ އެޅުމަށް ވަރަށް ގިނައިން ޒިޔާރާތް ކުރާ ސަރަހައްދެކެވެ.

comment ކޮމެންޓް