މިފްކޯއިން ބުނީ މިހާރު ދެވޭނީ ހަފުތާއެއްގެ ފައިސާ ކަމަށް: މަސްވެރިން

ކޫއްޑޫ ފަޅުގަ ހުރި ދޯނިތަކެއް: މިފްކޯއިން ބުނީ މިހާރު މަސްވެރިންނަށް ދެވޭނީ ހަފްތާއެއްގެ ރުފިޔާ ކަމަށް ---- ފޮޓޯ/ މަސްވެރިއެއް

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މި ވަގުތަށް ދެވެން އޮތީ ހަފުތާއެއްގެ ފައިސާ ކަމަށް މިފްކޯއިން މިއަދު ބުނެފައިވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން މިއަދު ބުނެފިއެވެ.

ކޫއްޑުގައި މި ވަގުތު އޮތް ދޯންޏެއްގެ ކެޔޮޅަކު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި ރޭގެ ވަގުތެއްގައި މަސްވެރިންނާ ބައްދަލުކޮށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 119 މިލިއަން ރުފިޔާ މަޖެހިފައިވާ ކަމަށެވެ.

"އެ މީހުން ރޭގައި މަސްވެރިންނާ ބައްދަލުކޮށް ބުނީ 119 މިލިއަން ރުފިޔާ މިހާރު އެބަ ހުއްޓޭ ހަަމަޖެހިފައި. އެ ލާރި މި ވަގުތު ކޫއްޑޫ ފަޅުގައި ތިބި ދޯނިތަކަށް ބަހާފައި ބާކީ ހުރި ބައި މުޒާހަރައަށް ނާންނަ ދޯނިތަކަށް ދޭ ވާހަކަ ބުނީ،" އޭނާ ކިޔައިދިނެވެ.

ނަމަވެސް މިހާރު ދެވެން އޮތީ ހަފުތާއެއްގެ ފައިސާ ކަމަށް މިފްކޯއިން މިއަދު ބުނެފައިވާ ކަމަށް ކެޔޮޅު ބުންނެވެ. އެހެންވެ، އިހުތިޖާޖުގެ ބައިވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޫއްޑޫގައި ފަޅުގައި ގާތްގަނޑަކަށް 29 ދޯނި އޮތްއިރު މަސްވެރިން ތިބީ ފައިސާ ޖަމާ ކޮށްދިނުމުން ނޫނީ ކޫއްޑޫއިން ނުފައިބާ ގޮތަށެވެ.

"އަޅުގަނޑުމެން ބެލީ މެންދުރު 12 ޖަހަންދެން. އެކަމަކު އަދިވެސް ފައިސާ ޖަމައެއްނުވޭ. އަޅުގަނޑުމެންނަށް ފައިސާ ޖަމާނުވަނީސް ކޫއްޑޫއިން ފައިބާ ޚިޔާލެއް ނުކުރަން،" ކެޔޮޅު ކިޔަދިނެވެ.

އޭނާ ބުނީ، މަސްވެރިން ކޫއްޑޫގައި މަޑުކޮށްގެން ތިބީ މަސްވެރިންގެ ހައްގު ހޯދަން ކަމަށާއި ތަނުގެ ހަމަޖެހުން ގެއްލުވައިލުމަށް ނޫން ކަމަށެވެ. ނަމަވެސް ފައިސާ ޖަމާނުކޮށް ގިނައިރުވާނަމަ ކުރިއަށް ވުރެ މަސްލަހަތު ގޯސްވާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، މަސްވެރިންގެ ޑިމާންޑަކީ ކިރި ހުރިހާ މަހަށްވާ ފައިސާ އެއްކޮށް ދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގެ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރުމުގެ ސަބަބުން މިފްކޯއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކުރުމުން ވެސް އަދިވެސް މިފްކޯއަށް މަސް ގަންނަނީ ހަ ރުފިޔާގެ ގެއްލުމުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް އާމްދަނީގެ ގޮތުގައި މިފްކޯއަށް ވަނީ 395 މިލިއަން ރުފިޔާ ލިބިފައެވެ. އެކަމަކު، މަސްވެރިންނަށް ޖުމުލަ 435 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އަދި އަންނަ ހަފުތާގައި އިތުރު 100 މިލިއަން ރުފިޔާއާ އެކު މާޗު ފަސްވަނަ ދުވަހުގެ ކުރިން މިހާރު ނުދައްކައި އޮތް 280 މިލިއަން ދައްކައި ހަލާސްކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަހަށް ފައިސާ ނުލިބިގެން މަސްވެރިން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. މަސްވެރިން ބުނެފައިވަނީ އިހުތިޖާޖު ނިމުމަކަށް ގެންނާނީ ފައިސާ ލިބުމުން ކަމަށެވެ.

comment ކޮމެންޓް