ވެރިކަމާ ހަވާލުވިއިރު އެޑިއުކޭޝަން މިނިސްޓްރީގައި 120 މިލިއަން ރުފިޔާގެ ދަރަނި އޮތް: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު -- ފޮޓޯ: ރައީސް އޮފީސް

އާ ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އެޑިއުކޭޝަން މިނިސްޓްރީގައި 120 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި، އޭގެ ސަބަބުން ތައުލީމީ ދާއިރާގެ ވެސް ގިނަ މަޝްރޫއުތަކެއް އޮތީ ހުއްޓިފައިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރުގެ އަމިއްލަފުޅު ރަށް ގދ. ގައްދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ކުރީ ސަރުކާރުން ވެރިކަން ނިންމައިލިއިރު، ތައުލީމީ ދާއިރާގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ.

އެއީ މަސައްކަތްތަކަށް ފައިސާ އަދައިނުކުރެވި، ދަރަނި ބޮޑުވެފައި އޮތުމުން ކަމަށް ވިދާޅުވިއެވެ. އެއާއެކު މިނިސްޓަރު ވިދާޅުވީ 120 މިލިއަންގެ ދަރަނިން 50 މިލިއަން ރުފިޔާގެ ދަރަނި މިހާރު އަދައިކޮށްފައިވާކަމަށެވެ.

އަދި މަސައްކަތް ކުރަމުން އަންނަނީ ތައުލީމީ ދާއިރާގެ މަޝްރޫއުތައް ވިހާ ވެސް އަވަހަށް ނިންމުމަށް ޓަކައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅާއި އިރުޝާދާއެކު މިހާރު ވަނީ ކޮންޓްރެކްޓަރުންނަށް މިހާރުވަނީ 50 މިލިއަން ރުފިޔާ މިހާރު ވަނީ ޕޭކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިތުރު 43 މިލިއަން ރުފިޔާ ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގައްދޫގައި ތައުލީމީ ހާލަތު އޮތް ގޮތަށް ނަޒަރު ހިންގަވައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން މި ރަށުގައި އަލަށް ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭން ފެށިއިރު އެ ކަމަށް ތަމްރީނުކޮށްފައި ތިބި ޓީޗަރުން ވެސް ނެތް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެ ކަން ވެސް ހައްލުކޮށް، ދެން ފެށޭ ދިރާސީ އަހަރުގައި މަތީ ސާނަވީގެ ގްރޭޑްތަކުގެ ކިޔެވުން ފަށާނީ ތަމްރީނުވެފައި ތިބި ޓީޗަރުންނާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް ޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.

comment ކޮމެންޓް