ބްރެއިން ޗިޕް އިމްޕްލާންޓް ކުރި ފުރަތަމަ މީހާގެ މަސައްކަތް ބަރާބަރު: މަސްކް

ނިއުރަލިންކްގެ ވެރިޔާ އީލޮން މަސްކް --

ބްރެއިން ޗިޕް އިމްޕްލާންޓް ކުރި ފުރަތަމަ މީހާގެ މަސައްކަތް ބަރާބަރު ކަމަށާއި، ނިއުރަލިންކްގެ ފުރަތަމަ ޕޭޝަންޓަށް އޭނާގެ ވިސްނުން ބޭނުންކޮށްގެން ކޮމްޕިއުޓަރުގެ ތީރު ނުވަތަ ކާސާ ބޭނުން ކުރެވޭ ކަމަށް އެކުންފުނީގެ ވެރިޔާ އީލޮން މަސްކް ބުނެފިއެވެ.

މަސްކް މިހެން ވިދާޅުވީ އޭނާގެ ސޯޝަލް މީޑިއާ އެކްސް ސްޕޭސް އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ.

މަސްކް ބުނި ގޮތުގައި ނިއުރަލިންކް އިން މީހާއާ އެކު މަސައްކަތް ކުރަނީ ވީހާވެސް ގިނަ ކަންކަން ކުރެވޭނެ ގޮތްތައް ހޯދުމަށެވެ. އޭގެ ތެރޭގައި ކާސާ މޫވް ކުރުމާއެކު ކްލިކް ކުރުން ވެސް ހިމެނެއެވެ.

މަސްކް ދެއްކި ވާހަކަތައް ސާބިތުކުރެވޭ އެއްވެސް ހެއްކެއް ނެތުމުން މި ވާހަކަތަކަށް އަދި މާބޮޑު އިތުބާރެއް ނެތެވެ. އެހެންނަމަވެސް، މަސްކު އެބުނަނީ ތެދެއްނަމަ، ނިއުރަލިންކްގެ ކުރިއެރުންތަކަކީ ޓެކްނޮލޮޖީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގިނަބަޔަކު ދެކެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު މަސްކް ވަނީ ފުރަތަމަ ޕޭޝަންޓަށް ނިއުރަލިންކް އިމްޕްލާންޓް ކޮށްފައިވާކަން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް އިއުލާނު ކޮށްފައެވެ. މި އެކްސްޕެރިމެންޓަލް ސާޖަރީގެ ތެރެއިން މީހެއްގެ ބޮލުގެ މަތީ ފަށަލައިގައި މައިކްރޯޗިޕެއް ހަރުކުރިއެވެ. ނަމަވެސް އެ މީހާގެ އެއްވެސް މައުލޫމާތެއް މަސްކް ހާމައެއްނުކުރެއެވެ.

ނިއުރަލިންކްގެ ފުރަތަމަ އުފެއްދުމަށް ކިޔަނީ "ޓެލެޕެތީ" ކަމަށް މަސްކް ބުނެފައިވާއިރު، އެ އުފެއްދުން ފަރުމާކޮށްފައި ވަނީ ގުނަވަންތައް ހަރަކާތް ނުކުރެވޭ މީހުންނަށް ކަމަށް މަސްކް ބުނެއެވެ. މަސްކް ސިފަކުރެއްވި ކާސާ މޫވްމަންޓަކީ ނިއުރަލިންކްގެ ޓެލެޕެތީގެ އެންމެ ފުރަތަމަ ކުރިއެރުން ކަމަށް ބެލެވެއެވެ.

މިފަދަ ބޮޑު ވާހަކައެއް މާބޮޑު ތަފްޞީލެއް ނުދީ މަސްކު ބުނުމުން މިދިޔަ ހަފުތާގައި ހެސްޓިންގްސް ސެންޓަރުން ވަނީ މަސްކްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސައިންސްވެރިން ފާހަގަކުރި ގޮތުގައި އިންސާނުންގެ އާ ދިރާސާތައް މިފަދަ ފަރުވާކުޑަ ގޮތަކަށް ކޮށްގެން ނުވާނެއެވެ. އަދި މަސްކްގެ ނިއުރަލިންކް މިދިރާސާއަކީ އަސާސީ މިންގަނޑުތަކަށް ފެތޭ ވަރުގެ ދިރާސާއެއް ނޫން ކަމަށް ސައިންސުވެރިން ބުނެއެވެ.

ހެސްޓިންގްސް ސެންޓަރަކީ ނިއުޔޯކުގެ ގެރިސަންގައި ހުންނަ މިނިވަން، ނޮންޕާޓިޝަން ބަޔޯއެތިކްސް ރިސާޗް އިންސްޓިޓިއުޓަކާއި ތިންކް ޓޭންކެކެވެ. މިއީ ބަޔޯއެތިކްސްގެ ދާއިރާ ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރި އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި ބަޔޯއެތިކްސް އަދި ހެލްތް ޕޮލިސީ އިންސްޓިޓިއުޓްތަކުގެ ތެރޭގައި ހިމެނޭ އިންސްޓިޓިއުޓެކެވެ.

ހެސްޓިންގްސް ސެންޓަރުން ބުނީ ކަންކަން ގޯސްވެއްޖެ ނަމަ ކުރަން ރާވާފައިވާ ކަންކަން ނިއުރަލިންކުން އާންމުކޮށް ހިއްސާކޮށްފައި ނުވާ ކަމަށާއި އަދި މި އެކްސްޕެރިމެންޓް އެންމެ ފުރަތަމަ ޖަސްޓިފައި ކުރި ޖަނަވާރުގެ ދިރާސާގެ ހޯދުންތައް ވެސް އެ ކުންފުނިން ހިއްސާކޮށްފައި ނުވާ ކަމަށެވެ.

comment ކޮމެންޓް