ވައުދު ފުއްދާ މީހަކަށްވާން ބޭނުން، ފުރުސަތު ދެވޭނީ ރައްޔިތުންނަށް: ރައީސް

ރައީސް ޑރ. މުއިއްޒު ތިނަދޫގައި. ތިނަދޫ ޖަލްސާއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި، އެ ފުރުސަތު ދެވެން އޮތީ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ތިނަދޫ ސިޓީގައި މިރޭ އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނުވަނީ ތިނަދޫގައި ހިންގަން މިރޭ ހަވާލުކުރި ބައިނަލްއަގްވާމީ އެއާޕޯޓުގެ ބޮޑު މަޝްރޫއު ފާހަގަކުރައްވައިފައެވެ.

އަދި ދެން ވެސް ތިނަދޫ ސިޓީއެއްގެ ފެެންވަރުގައި ތަރައްގީކުރުމަށް ހިންގަންޖެހޭ މަޝްރޫއުތައް ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މި ކަންކަމަށް އަލިއަޅުއްވައިލައްވައި ރައީސް ވިދާޅުވީ، މި މަޝްރޫއުތައް ހިންގުމަށް ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ ބައިވެރިވުމާއެކު މަޝްރޫއުތައް ހިންގަން ފަސޭހަވާނެތީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އުނދަގުލުން ވެސް ކަންކަންވޭ. އެހެންނަމަވެސް އެންމެ ރަނގަޅު ގޮތުގައި އެންމެ ބާރުމިނުގައި އެންމެ އެދެވޭ ގޮތުގައި އެންމެ ފުރިހަމަ މިނުގައި އެ ކަންކަމެއް ނުކުރެވޭ. އެހެންވީމާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ކުރިއަށް އޮތް ދުވަސްތަކުގައި ލިބިއްޖެނަމަ މި ތިން މަސްތެރޭ މި ދަތި އުނދަގުލުގެ ތެރޭ ދިޔަ ބާރުމިނަށްވުރެ މާ ބާރަށް، މާ ފުރިހަމައަށް ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފަސް އަހަރުގެ މެނިފެސްޓޯގެ ވައުދުތައް ފުއްދަވައި ކާމިޔާބުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.

ތިނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑުވީ ހުރިހާ ވައުދެއް އަޅުގަނޑު ފުއްދަން ބޭނުން. އަޅުގަނޑު ވައުދުވީ ރައްޔިތުން އެދިލެއްވި ކަންކަމުގެ މައްޗަށް. އެ ވައުދުތައް ފުއްދާ މީހަކަށްވާން ބޭނުން. އެ ކަންކަން ކުރުމުގެ ފުރުސަތު ދެވެން އޮތީ ރައްޔިތުންނަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ފުރުސަތު ދެވެން އޮންނަނީ 'ދޭތެރެ ދޭތެރެއިން' ރައްޔިތުންނަށް ލާން ލިބޭ ވޯޓުގެ ބާރުގައި ކަމަށެވެ. އެއާއެކު އެ މަނިކުފާނު ނުސީދާކޮށް ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ސަރުކާރަށް ދިނުމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މިހާރު ކުރަނީ ރާއްޖޭގެ އިގްތިޞާދު ކޮޅަށް ނެގުމުގެ މަސައްކަތް ކަމަށެވެ.

މިރޭ ތިނަދޫގައި އޮތް ޖަލްސާގައި މި ސިޓީގައި ބައިނަލްއަގްވާމީ މަތީފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރަން ވަނީ ސޮއިކޮށްފައެވެ. މިއީ މަސައްކަތް ފެށޭތާ ދެ އަހަރުން ނިންމާނެ މަސައްކަތެއްކަމަށާއި، އެއާޕޯޓަކީ ކޯޑްއެފް ރަންވޭއަކާއެކު، ފެނުމަތީ ޓާމިނަލަކާއެކު ތަރައްގީީކުރާނެ އެއާޕޯޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި މަޝްރޫއުގެ ތެރެއިން ތިނަދޫ ފަޅުން 50 ހެކްޓަރުގެ ބިން ހިއްކާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް