ކައިވެނި ކުރުމުން އުފާވެރިކަން އިތުރުވޭ: ދިރާސާ

ލޯބީގެ ގޮތުން އެކީގައި ރިލޭޝަންޝިޕެއްގައި އުޅުމަށްވުރެ ކައިވެނި ކޮށްގެން އުޅޭ އިރު އުފާވެރިކަން މާ ބޮޑަށް ވެސް އިތުރުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކައިވެންޏާއެކު މީހުންނަށް ހިތްހަމަ ޖެހުން ލިބި އުފާވެރިކަމާއެކު ތިބޭ ކަމަށް އާއިލާ މީހުން ބުނެ އުޅޭނެއެވެ. މިއީ މީގެ ކުރިން އެއްވެސް ކަހަލަ މައުލޫމާތަކަށް ބިނާކޮށް ދައްކަމުން އައި ވާހަކައެއް ނޫނެވެ. ނަމަވެސް އާންމުންގެ ހިޔާލު ހިމެނޭ ގޮތަށް ހުޅުވާލި ޕޯލް އަކާއެކު ކުރިއަށް ގެންދިޔަ ދިރާސާއަކުން މިއީ ހަގީގަތެއް އޮތް ވާހަކައެއް ކަން ވަނީ ފާހަގަވެފައެވެ.

އެމެރިކާގެ ޒަމާންވީ މަލްޓިނޭޝަނަލް އެނަލެޓިކްސް އަދި ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ "ގަލަޕް" އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި ރިލޭޝަންޝިޕެއްގައި ކިތަންމެ ލޯބިން އުޅޭ ދެ މީހަކަށް ވި ނަމަވެސް ކައިވެނި ކޮށްގެން އުޅޭ ދެ މީހުން އުޅެނީ އެ މީހުންނަށް ވުރެ އުފަލުގައެވެ.

އެމެރިކާގެ 2.5 މިލިއަން މީހުންގެ މައުލޫމާތަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި ދިރާސާގައި ހުރިހާ އެންމެންގެ ގާތުގައި އަހާފައިވަނީ މައިގަނޑު އެއް ސުވާލުތަކެކެވެ. އެއީ، އަމިއްލަ ދިރިއުޅުން މިހާރު ސުމަކާއި 10 އާ ދެމެދުގެ އަދަދަކުން ރޭޓު ކުރުމަށެެވެ. އެ ރޭޓިންގައި 0 އަކީ ހިތާމަވެރި އަދި 10 އަކީ އެންމެ އުފާވެރިއެވެ.

އަދި، ހުރިހާ އެންމެންގެ ގާތުގައި ވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އުފާވެރިކަން ހުންނާނެ ކަމަށް ލަފާ ކުރެވޭ މިންވަރު ރޭޓު ކުރަން ވެސް ބުންޏެވެ.

މި ދިރާސާގައި މައިގަނޑު ގޮތެއްގައި ފެނިގެން ދިޔައީ ކައިވެނި ކޮށްގެން އުޅޭ ހުރިހާ އެންމެން ވެސް ކައިވެނި ނުކޮށް އުޅޭ މީހުންނަށް ވުރެ މަތީން ދިރިއުޅުން ރޭޓުކޮށްފައި ހުރި ކަމެވެ.

ރިސާޗަރުން ބުނާގޮތުގައި މީގެ 20 ވަރަކަށް ކުރީން މިފަދަ ދިރާސާއެއް ކުރި ނަމަ ޑޭޓާ ތަފާތުވުން އެކަށީގެންވެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިހާރުގެ ގިނަ ކައިވެނިތަކަކީ ލޯތްބާ ގުޅިފައިވާ ކައިވެނިތަކަށް ވާތީއެވެ. އަމިއްލައަށް ދިރިއުޅުމުގެ ބައިވެރިއެއް ހިޔާރު ކުރަން ލިބުމަކީ އުފާވެރިކަން ލިބިގެންދާ ކަމެއް ކަމަށް ރިސާޗަރުން ލަފާކުރެއެވެ.

comment ކޮމެންޓް