ފޯނަށް ފެން އެޅުމުން ހަނޑުލަށް ނުލާތި: އެޕަލް

އައިފޯނަށް ފެން އެޅިގެން މައްސަލަ ޖެހުމުން ހަނޑޫ ތެރެއަށް ލުމުން ގެއްލުން ވާނެ ކަމަށާއި އެގޮތަށް ކަންތައް ނުކުރުމަށް އެޕަލްއިން އެދިއްޖެއެވެ.

ފޯނަށް ފެން އެޅުމުން ނުވަތަ ފޯނުގައި ފެން ޖެހި މައްސަލައެއް ދިމާވެއްޖެ ނަމަ އެ ހަނޑު އެއްޗެއް ތެރޭގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ކިޔަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މި ވާހަކަ ފެތުރިފައިވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަމަވެސް މިއީ ވަރަށް ގިނަ ބަޔަކު ގަބޫލު ވެސް ކުރާ ކަމެކެވެ.

މި އާދަޔާ ގުޅޭގޮތުން ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުނި އެޕަލްއިން އެންމެ ފަހުން ވަނީ ހިޔާލު ހިއްސާކޮށްފައެވެ. އެޕަލް އިން ދާދި ފަހުން ނެރުނު ސަޕޯޓު ޑޮކިއުމެންޓެއްގައި ބުނެފައިވަނީ ހަނޑޫ އެއްޗެއްގެ ތެރެއަށް ތެތް އައިފޯނެއް ލުމުން ފޯނަށް ގެއްލުންވާ ކަމަށެވެ.

އެގޮތުން ހަނޑޫގައި ހިމެނޭ ކުދި ފުށްފުށްތައް ފޯނުގެ ތެރެއަށް ވަދެ ފޯނަށް ބޮޑެތި ގެއްލުންތައް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ. އެއާއެކު އައިފޯނު ހަނޑޫ ތެރެއަށްލުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ވަނީ އެޕަލްއިން ބުނެފައެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރަށް އެޕަލްއިން މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފޯނު އެއްޗެހި ހަދައި އުޅޭ ރިޕެއާ އެކްސްޕާޓުން ބުނާގޮތުގައި ހަނޑުލަށް ތެތް ފޯނު ލުމުން އެ ހިކޭ ސްޕީޑު ލަސްވެއެވެ. އަދި، ވަޔާ ހިކެން މޭޒު މަތީގައި ބޭއްވުމުން ވެސް އެއަށްވުރެ އަވަހަށް ފޯނުން ފެން ހިކޭ ކަމަށް އެކްސްޕާޓުން ބުނެއެވެ.

ފޯނު ތެމުމުން އެންމެ މުހިއްމު ކަމަށް ވާނީ ފޯނުގެ އެތެރޭގައި ހިމެނޭ ހާޑްވެއާތަކަށް ފެން އެޅުން ހުއްޓުވުމެވެ. އެއާއެކު އެއްބައި މީހުން ލަފާ ދެނީ އޭސީގެ ދަށުގައި ފޯނު ބާއްވާށެވެ. އަނެއް ބަޔަކު ބުނާގޮތުގައި ގަދައަށް އެނބުރޭ ފަންކާއެއް ދަށުގައި ފޯނު ބޭއްވިޔަސް އެންމެ ރަނގަޅުވާނެއެވެ.

comment ކޮމެންޓް