ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގޯތި ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް: ރައީސް

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއިން ކުރިއަށް ގެންދަނީ -- ފޮޓޯ/ ޕީއެސްއެމް

ގިރާވަރުފަޅުން ގޯތި ލިބުނު މީހުން، ގުޅީފަޅުން ގޯތި ބޭނުންވާނަމަ އެ ބަދަލު ގެނައުމުގެ ފުރުސަތު އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ ވަނީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އަދި އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަމަށް ސިޔާސަތެއް ވެސް ކަނޑަ ނާޅާކަމަށެވެ.

"ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް، ގުޅީފަޅުން ގޯތި ދޭއިރު އެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ އަޅުގަނޑުމެން ކަނޑައަޅާނަން. ދެ ތަނުގެ ވެސް ލޭންޑްޔޫސް ޕްލޭން މިހާރު ފައިނަލް ކުރުމުގެ މަސައްކަތުގައި މި އުޅެނީ،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބެލުމަށް ރައީސް އެދިވަޑައިގަތެވެ. އަދި އެކަމަށް ސީދާ ޖަވާބެއް ވަރަށް އަވަހަށް ދެއްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް