މަޖިލިސް ސަރުކާރަށް ނުދީފިނަމަ ވެރިކަމުގެ ނިޒާމު ބޮއްސުންލުމުގެ ފުރުސަތު ބޮޑު: ރައީސް

ގދ. މަޑަވެލީގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންކުރެވިފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުދީފިނަމަ ވެރިކަމުގެ ނިޒާމު ބޮއްސުންލައިގެން ދިއުމުގެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވެ، ސަރުކާރަށް މަޖިލިސް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިިއެވެ.

ގދ. މަޑަވެލީގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރައްޔިތުންނަށް ލިބޭ ބޮޑު ބާރެއްކަމަށެވެ. ސަބަބަކީ ސަރުކާރެއްގެ ކަންކަން ބައްޓަންކުރުމުގައި މަޖިލިސް ސަރުކާރަށް ލިބުން މުހިންމު ވާތީކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނުވަަތަ ސީދާ ރިޔާސީ ނިޒާމެއް ވެސް ނޫންކަމަށާއި އެއީ ދެ ނިޒާމުގެ ސިފަތައް އެކުލެވޭ ނިޒާމެއްކަމުން، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާނަމަ ދައުލަތް ބޮއްސުންލައިފާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ސަރުކާރެއް ސްޓިއާކުރުމުގައި ވަކި ޑައިރެކްޝަނަކަށް ވަކި މިސްރާބަކުން ގެންދިއުމަށް ވަރަށް މުހިންމު ކޮންޓްރޯލިން ޕަވާއެއް. ނޫނިއްޔާ އެ ވަކި ގޮތަކަށް ގެންދިއުމުގެ ބާރު ދުސްތޫރުގައި ކަނޑައެޅިފައި އޮންނަ ނިޒާމެއް ރާއްޖޭގައި މި އޮތީ. މަސްހުނި ނިޒާމެއް،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސްވަނީ ސަރުކާރުގެ މެމްބަރުން ހޮވައިދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

މަޑަވެލީގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަޑަވެލީގެ ތަރައްގީ އޮތީ ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިކަމަށެވެ.

"އެންމެ މުހިންމު ކަންކަމުން ގޮސް ހުރިހާ ކަމެއް އޮތީ ކުރަންޖެހިފައި،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ބިން ހިއްކައި، ގެދޮރުވެރިކަމަށް އެ ބިން ބޭނުން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ރަށަކީ މަސްވެރިކަމުގައި ކުރިއަރައިފައި އޮތް ރަށަކަށްވާއިރު މި ރަށުގެ ބަނދަރު ކުޑަވުމަކީ އޮތް ދައްޗެއް ކަމަށެވެ. އެެހެންކަމުން ރަށުގެ ރައްޔިތުން އެދޭ ގޮތަށް ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލުގެ ޖާގަ އިތުރުކޮށް، ހެލްތު ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އާ މިސްކިތް އަޅާނެ ރަށްތަކުގެ ލިސްޓުގައި މި ރަށް ހިމަނައި، ޒުވާނުންނަށް ކުޅިވަރު ވަސީލަތް ވެސް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ރައްޔިތުން އެދިވަޑައިގަންނަވާ ހުރިހާ ކަމެއް ކުރާނަމޭ،" ރައީސް ވިދާޅުވިއެވެ.

އެއާއެކު މި ރަށުގައި ވެސް ރައީސް ތަކުރާރުކޮށް ހަނދާން ކޮށްދެެއްވީ، މި ވަގުތު ހުރި ދަތިތަކެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތް އޮތީ 120 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިކަން ހަނދާން ކޮށްދެއްވައިފައެވެ.

comment ކޮމެންޓް