އެމްއެމްއޭއިން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީސްއެއް ފަށައިފި

ގަވަރުނަރު އަލީ ހާޝިމް ސެޝަނެއް ނަގައި ދެއްވަނީ-- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކުލޫތަކަށް އަމާޒުކޮށްގެން ލެކްޗާ ސީރީސްއެއް ފަށައިފިއެވެ.

މި ސީރީސް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ފުވައްމުލަށް ސިޓީގައެވެ. މި ސެޝަނުގައި ފުވައްމުލަކު ތައުލީމީ މަރުކަޒުގެ ބައެއް ސާނަވީ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ފުވައްމުލަކު ތަޢުލީމީ މަރުކަޒުގައި ބޭއްވި ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަނުގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ސެޝަނުގައި ގަވަރުނަރު ވަނީ އެ މަނިކުފާނުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކުރައްވައި، ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ފުވައްމުލަކުގައި އެމްއެމްއޭއިން ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން-- ފޮޓޯ: އެމްއެމްއޭ

ލެކްޗާ ސީރީސްގެ މި ސެޝަނުގައި ދަރިވަރުންނަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދިނެވެ. އެގޮތުން އިގްތިޞާދާއި މާލީ ދާއިރާއާ ގުޅޭގޮތުންނާއި މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ވެސް ބޭނުންތެރި މައުލޫމާތުތަކެއް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

އެމްއެމްއޭއަކީ ފެށީނުއްސުރެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕުރޮގްރާމުތައް ކުރިއަށްގެންދާ މުއައްސަސާއެކެވެ. މިފަދަ ޕުރޮގްރާމްތައް މާލޭގައި ބޭއްވުމުގެ ބަދަލުގައި ރަށްރަށަށް ގޮސްގެން ބޭއްވުމަށް ނިންމީ މާލޭގައި ބާއްވާ ޕުރޮގްރާމަތަކަށް އަތޮޅުތެރޭގެ ސުކޫލުތަކުން އައުމުގައި ދިމާވާ ދަތިތަކާގުޅިގެން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެމްއެމްއޭގެ ޕުލޭނަކީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެކި ދުވަސް މަތިން ލެކްޗާ ސެޝަންތައް ކުރިއަށްގެން ދިއުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

comment ކޮމެންޓް