ޝިޔާމްގެ އަމާޒަކީ ތިން އަހަރު ތެރޭ ސަބްސިޑީއާނުލައި މިފްކޯ ހިންގަން ފެށުން

މިފްކޯގެ މުވައްޒަފުން އެ ކުންފުނީގެ މަސް ފިހާރައިގެ ބޭރުގައި-- ފޮޓޯ: މިފްކޯ

ސަރުކާރުގެ ސިޔާސަތަކީ އަދި ވިސްނުމަކީ ސަބްސިޑީއާނުލައި ހިންގޭ ފެންވަރަށް މަސް ކުންފުނި މިފްކޯ ތަރައްގީކުރުން ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މާ ކުރިން ކޮށްފައިވާ ސުވާލަކަށް ޖަވާބު ހޯދަން ވަޒީރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. އިތުރު ސުވާލުގެ ވަގުތުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ސަރުކާރުން ހުރިހާ ކަމަކަށް ސަބްސިޑީދޭން ޖެހުމުން އުފުލަންޖެހޭ މާލީ ބުރަ ފާހަގަކުރައްވައި، ސަބްސިޑީއާނުލައި މިފްކޯ ހިންގޭނެތޯ ސުވާކުކުރައްވައިފައެވެ.

ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަަކީ މިފްކޯއަކީ ސަބްސިޑީއާނުލައި ހިންގޭނެ ކުންފުންޏަކަށް ހެދުން ކަމަށެވެ. އުންމީދަކީ ތިން އަހަރު ތެރޭގައި އެކަން ހާސިލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްހެން ދަންނަވާކަމަށް ވަންޏާ ނުއުފުލޭ ބުރައަކަށް ހަގީގަތުގައި ބައެއް ފަހަރު ސަބްސިޑީ އެބަވޭ،" ވަޒީރު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި: ވިދާޅުވީ މިފްކޯއަކީ ސަބްސިޑީއާނުލައި ހިންގޭ ކުންފުންޏަކަށް ހަދާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

ޝިޔާމް ވިދާޅުވީ، ސަބްސިޑީއަށް ބަރޯސާނުވެ ކަންތައްތައް ހިންގަން ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެ ހިމެނޭހެން ހުރިހާ ގައުމަކަށް ވެސް އަންގަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭންއަކީ ސަބްސިޑީއަށް ބަރޯސާނުވާ މިންވަރަށް މިފްކޯގެ ހިންގުން ކުރިއަށް އޮތް ތިން އަހަރު ދުވަސް ތެރޭގައި ގެނައުން. އެ އަމާޒަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތްތައް މިހާރު ވެސް ފަށައިގެން ކުރިއަށް އެބަގެންދަން،" ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން މިފްކޯ "ބްލީޑް"ވާން ދޫނުކުރާނެ ކަމަށެވެ.

އެ ކުންފުނި ރީސްޓްރަކްޗާކޮށް، ކުންފުނި ރިފޯމްކޮށް، ގެންނަންޖެހޭ މުހިއްމު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ކުންފުނީގެ ހަރަދު ކުޑަކޮށް، ފެލިވަރާއި ކޫއްޑޫގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/188887

އަދި، މިފްކޯގައި ތިބި ބޭކާރު މުވައްޒަފުން ވަކިކޮށް، މިފްކޯއަކީ ފައިދާވާ ނުވަތަ "ބްރޭކް އީވަން"ވާ ކުންފުންޏަކާ ހަދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަކުރާރުކޮށް ޝިޔާމް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގެ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރުމުގެ ސަބަބުން މިފްކޯއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށް ދައްކުރުމުން ވެސް އަދިވެސް މިފްކޯއަށް މަސް ގަންނަނީ ހަ ރުފިޔާގެ ގެއްލުމުގައި ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް އާމްދަނީގެ ގޮތުގައި މިފްކޯއަށް ވަނީ 395 މިލިއަން ރުފިޔާ ލިބިފައެވެ. އެކަމަކު، މަސްވެރިންނަށް ޖުމުލަ 435 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އަދި އަންނަ ހަފުތާގައި އިތުރު 100 މިލިއަން ރުފިޔާއާ އެކު މާޗު ފަސްވަނަ ދުވަހުގެ ކުރިން މިހާރު ނުދައްކައި އޮތް 280 މިލިއަން ދައްކައި ހަލާސްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ސިޔާސީ މަގުސަދުތަކެއްގައި މިފްކޯ ބޭނުންކުރި ކަމަށް ތުހުމަތުކުރައްވައި ވަޒީރު ވިދާޅުވީ، މި ސަރުކާރުން ކުންފުންޏަށް ގެންނަ ބަދަލުތަކާ އެކު މަސްވެރިކަމަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

comment ކޮމެންޓް