ހޫޘީންގެ ހަމަލާތަކެއް އެރި އިނގިރޭސި އާގުބޯޓެއް ފެތެނީ

ލަންޑަން (19 ފެބްރުއަރީ 2024): އަރަބި ކަނޑުން ރަތްކަނޑަށް ވަންނަ ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސިވިލާތުގެ އާގު ބޯޓަކަށް ޔަމަންގެ ހޫޘީ ޖަމާއަތުން ދިން ރޮކެޓް ހަމަލާތަކެއް އެރުމުގެ ސަބަބުން އެ ބޯޓު ކަނޑަށް ފެތުމުގެ މަގުމަތީގައިވާކަމަށް އިނގިރޭސިވިލާތުގެ މެރިން ސެކިއުރިޓީއާ ބެހޭ ކުންފުނި އަމްބްރޭއިން ބުނެފިއެވެ.

އަމްބްރޭއިން ނެރުނު ބަޔާނެއް ބުނިގޮތުގައި ރޭ ހޫޘީން ދިން ހަމަލާ އަރާފައިވާ އާގުބޯޓަކީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ 'ރުބިމާރު' ނަމަކަށް ކިޔާ ކާގޯ ބޯޓެކެވެ. އެ ބޯޓު މެނޭޖްކުރަނީ ލުބްނާނުގެ ކުންފުންޏަކުންނެވެ.

އެ ބޯޓުގައި ނަގާފައިވަނީ އިނގިރޭސި ރަސްކަމުގެ އިއްތިހާދަށް ނިސްބަތްވާ ގައުމެއް ކަމަށްވާ "ވޭލްސް" ގެ ދިދައެވެ. އެ ބޯޓަށް ޔަމަންގެ ހޫޘީން ހަމަލާދީފައިވަނީ ނޭވަލް މިސައިލްތަކަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ދިޔަވާވަރުން އެ ބޯޓު ސަލާމަތް ކުރެވޭނެކަމަށް ނުބެލެވޭ ކަމަށާއި މިހާރު މަސައްކަތްކުރަނީ އެ ބޯޓު މުދަލާއެކު ކަނޑަށް ފެތުމުގެ ކުރިން އެބޯޓުގެ ފަޅުވެރިން ސަލާމަތް ކުރެވޭތޯ ކަމަށް ވެސް އިނގިރޭސިވިލާތުގެ 'އަމްބްރޭ' ކުންފުނިން ބުނެފައިވެއެވެ.

ހޫޘީންވަނީ ގަލްފު އޮފް އަދަންއާއި ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކުރާ އާގު ބޯޓުތަކުގެ ތެރެއިން ތިން ގައުމެއްގެ އާގުބޯޓުތަކަށް ހަމަލާދޭނެކަމަށް ބުނެ އިންޒާރުކޮށްފައެވެ. އަދި ހޫޘީން ގެންދަނީ މި އިންޒާރު ވަރަށް ވަރުގަދައަށް ތަންފީޒު ވެސް ކުރަމުންނެވެ. މިގޮތުން ހޫޘީން ވަނީ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ އާގު ބޯޓުތަކަށް މީގެ ކުރިން ވެސް ހަމަލާތައް ދީފައެވެ.

ހޫޘީން ފުރަތަމަ ހަމަލާދޭން ފެށީ ގަލްފު އޮފް އަދަންއާއި ބާބުލްމަންދަބު ހުރަސްކުރާ އިސްރާއީލުގެ އާގުބޯޓުތަކަށެވެ. އެއީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށްޓަކައި އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުންނެވެ.

ހޫޘީންގެ ތަރުޖަމާން ބްރިގޭޑިއާ ޔަހްޔާ ސަރީއު

ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެ ގަތުލުއާންމުތަކާ ދެކޮޅަށް މަސައްކަތްކުރާ ޔަމަންގެ ހޫޘީ ޖަމާއަތުގެ އަމާޒުތަކަށް ބޮންއަޅައިގެންނާއި މިސައިލު ބޭނުންކޮށްގެން އެތައް ހަމަލާތަކެއްދީ މައްސަލަ ހޫނުކޮށް ސަރަހައްދީ ހަނގުރާމައަކަށް މަގުފަހިކޮށް މަސްރަހު އިތުރަށް ހޫނުކޮށްފައެވެ.

މިކަމުގެ ނަތީޖާއަކަށްވީ ގަލްފު އޮފް އަދަން އާއި ބާބުލްމަންދަބު ހުރަސްކުރާ އިސްރާއީލުގެ އާގު ބޯޓުތަކުގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކަށް ވެސް ހޫޘީން ހަމަލާތައް ދޭން ފެށުމެވެ.

ބަދަލު ހިފުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ހޫޘީންގެ އަމާޒުތަކަށް ކިތަންމެ ހަމަލާތަކެއް ދިންނަމަވެސް ހޫޘީން އެ ތިން ގައުމުގެ އާގުބޯޓުތަކަށް ދޭ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. ހޫޘީންގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގައި އެމެރިކާއާއި އިނގިރޭސިވިލާތްވަނީ މުޅިން ނާކާމިޔާބުވެފައެވެ.

އަނެއްކޮޅުން ހޫޘީންވަނީ ވައިގެ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން އާގު ބޯޓުތަކަށް ހަމަލާތައް ދިނުމުގެ އިތުރުން ކަނޑުގެ މިސައިލް ބޭނުންކޮށްގެން ވެސް މިހާރު ހަމަލާތައް ދޭން ފަށާފައެވެ. މިއީ ހޫޘީންގެ ގާބިލްކަން އިތުރަށް ވަރުގަދަވިކަން ހާމަވެގެން ދިޔަ ކަމެކެވެ.

އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ 'ރުބިމާރު' ނަމަކަށް ކިޔާ ކާގޯ ބޯޓަށް ރޭ ހޫޘީން ހަމަލާ ދީފައިވަނީ ކަނޑުގެ މިސައިލަކުންކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ތިން ގައުމުގެ އާގު ބޯޓުތަކަށް ހަމަލާ ދިނުމަށްޓަކައި ކަނޑުގެ އަޑިން ދަތުރުކުރާ ޑްރޯން ބޭނުންކުރަން ފެށިކަން ވެސް ހޫޘީންވަނީ އިއުލާނުކޮށްފައެވެ.

ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލު، އެމެރިކާ އަދި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކަށް ވަނީ ރަތްކަނޑުން ގޮސް ސްވޭސް ކެނެލް ހުރަސްކުރުމުގެ ބަދަލުގައި ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށާލައި އެޓްލާންޓިކް ކަނޑުން ގޮސް ޖިބްރޯލްޓާ ހުރަސްކުރަން ޖެހިފައެވެ. މިއީ އިންތިހާއަށް ޚަރަދު ބޮޑު ކަމެކެވެ. އަދި، މިގޮތަށް ދަތުރުކުރުމަށް ނަގާ މުއްދަތު ވެސް ސްވޭސް ކެނެލް ހުރަސްކޮށްގެން ކުރާ ދަތުރުތަކަށް ނަގާ މުއްދަތުގެ ދެގުނަ މުއްދަތު ނަގައެވެ. އެހެންކަމުން އެ ތިން ގައުމަށް ހޫޘީންގެ މި މައްސަލަވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދިނުމަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ ހަތިޔާރު ބޭނުންކުރާއިރު އެކަމަށް ބަދަލު ހިފުމުގެގޮތުން އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކަށް ހަމަލާދޭން ޔަމަންގެ ހޫޘީން ބޭނުންކުރަނީ އީރާނުގައި އުފައްދާ ހަތިޔާރުތައް ކަމަށް އެ ތިން ގައުމުން ތުހުމަތު ކުރެއެވެ.

އީރާނުން ހޫޘީންނަށް ފޯރުކޮށްދޭ ހަތިޔާރުތަކުގެ ތެރޭގައި ވައިގެ މަގުން ހަމަލާދޭ ޑްރޯންގެ އިތުރުން ކަނޑުގެ މިސައިލާއި ކަނޑުގެ މަގުން ހަމަލާދޭ ޑްރޯން ވެސް ހިމެނޭކަމަށް ވެއެވެ. އިނގިރޭސިވިލާތުގެ އާގު ބޯޓެއްކަމަށްވާ 'ރުބިމާރު'އަށް ހަމަލާދިންކަން ހޫޘީ ޖަމާއަތުގެ ތަރުޖަމާން ބްރިގޭޑިއާ ޔަހްޔާ ސަރީއު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

comment ކޮމެންޓް