ރޯދަ މަހު ރަފަހްއަށް އަރައިގަންނާނެކަމުގެ އިންޒާރެއް އިސްރާއީލުން ދީފި

އިސްރާއީލުގެ ހަނގުރާމަތާކާބެހެ ވަޒީރު ބެނީ ގަންޒް -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ މީހުން ދޫކޮށްނުލައިފިނަމަ، ރަފަހް ސިޓީއަށް އަރާނީ ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހު ކަމަށް އިސްރާއީލުގެ ހަނގުރާމަތާކާ ބެހޭ ވަޒީރު ބެނީ ގަންޒް ވިދާޅުވެއްޖެއެވެ.

ގަންޒް އެގޮތަށް ވިދާޅުވީ ގުދުސްގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަމާސް ނައްތާލުމުގެ މަގުސަދުގައި ކަމަށް ބުނެ 1.4 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޣައްޒާގެ ރަފަހް ސިޓީއަށް އެއްގަމު މަގުން އަރައި ހަމަލާދޭން އިސްރާއީލުން އަންނަނީ ތައްޔާރުވަމުންނެވެ.

"ދުނިޔެއަށް އެނގެން ޖެހޭނެ، އަދި ހަމާސްގެ ލީޑަރުންނަށް ވެސް އެނގެން ޖެހޭނެ ރަމަޟާން މަހުގެ ނިޔަލަށް އަހަރެމެންގެ ރަހީނުން މިނިވަން ނުކޮށްފިނަމަ، ރަފަޙްއަށް އަރައި ހަނގުރާމަ ފުޅާކުރާނަން،" ގަންޒް ވިދާޅުވިއެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރުކަން ވެސް ކުރައްވަފައިފައިވާ ވަޒީރު ގަންޒްއާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ބުނީ، ރަފަހްއަށް އަރައިގަންނާނީ އެމެރިކާއާއި މިސްރާއި ގުޅިގެން އާންމުންނަށް ގެއްލުންނުވާ ގޮތަށެވެ. އިސްރާއީލުން އެހެން ބުނި ނަމަވެސް ޣައްޒާގައި އެ މީހުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މީހުން ތިބޭނެ ރައްކާތެރި އެއްވެސް ތަނެއް ޣައްޒާއަކު ނެތެވެ.

ޣައްޒާ ހަނގުރާމަ ފެށުނީ ހަމާސްއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލަށް އަމާޒުކޮށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެކަމުގެ ބަދަލުގައި ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 28،775 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ގާތްގަޑަކަށް ދެ މިލިއަނެއްހާ މީހުންނަށްވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.

comment ކޮމެންޓް