ފިލްމު ފްލޮޕްވުމުން މެނޭޖަރު ކަނޑާލައިފި

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމު "މެޑޭމް ވެބް" ފްލޮޕުވާތީ ލީޑް އެކްޓަރު ޑަކޯޓާ ޖޯންސަން އޭނާގެ މެނޭޖަރު އަދި ކާސްޓިން އޭޖެންޓު ކަނޑާލައިފިއެވެ.

ބޮކްސް އޮފީހުގައި ސުޕަހީރޯ ފިލްމުތަކަށް އޮތް ޑިމާންޑު ކުޑަވެ، އެ ބަލަން ބޭނުންވާ މީހުން އަންނަނީ މަދުވަމުންނެވެ. ކޮޕީ ކޮށްފައިވާ ޕްލޮޓުތަކާއެކު ފްލޮޕް ފިލްމުތައް ޑިޒްނީއާއި ވޯނާ ބްރޮސް އަދި ސޮނީއިން ވެސް އަންނަނީ ނެރެމުންނެވެ. ބެލުންތެރިން ތިބީ ފޫހިވެފައެވެ.

މި ދަނޑިވަޅުގައި ސޮނީއިން ދައްކަން ފަށާފައިވަނީ ސްޕައިޑާމޭންގެ ސްޕިންއޮފް ފިލްމު މެޑޭމް ވެބްއެވެ. މި ފިލްމުގެ ރިވިއުތައް އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. އެއް ބަޔަކު ބުނަމުން އަންނަނީ މިއީ މިހާތަނަށް ނެރުނު އެންމެ ގޯސް މާވެލް ފިލްމު ކަމަށެވެ.

ކޮންމެއަކަސް ފިލްމު ފްލޮޕްވުމުން ފިލްމުގެ ލީޑް އެކްޓަރު ހުރީ ވަރަށް ފޫހި ވެފައެވެ. ނަމަވެސް މި ރޯލަކީ އޭނާ އެންމެ ބޭނުންވި ރޯލު ނޫން ކަމުގައި ވެސް ޑަކޯޓާ ކުރިން ބުންޏެވެ. އޭނާއަށް މި ރޯލު ހޯދައިދިނީ އޭނާގެ މެނޭޖަރު ކަމަށް ވެސް ޑަކޯޓާ ފާހަގަކުރިއެވެ.

ފިލްމު ޕްރޮމޯޝަންތަކުގައި ވެސް ޑަކޯޓާ ދެއްކީ ފިލްމާ ގުޅޭގޮތުން ނެގެޓިވް ވާހަކަތަކެކެވެ. ނަމަވެސް މިހާ ނެގެޓިވް ރިވިއުތަކެއް ލިބޭނެ ކަމަށް އޭނާ ވެސް ހިޔެއް ނުކުރެއެވެ.

ޑަކޯޓާއާ ނުގުޅޭ ތަފާތު އެކި ރޯލުތައް އޭނާއަށް ހޯދައިދޭ ކަމަށް ބުނެ އޭނާގެ މެނޭޖަރު ކަނޑާލީ ކަަމަށް ބައެއް ނޫސްތަކުން އަންނަނި ބުނަމުންނެވެ. ނަމަވެސް މި ވާހަކަ ޑަކޯޓާ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މެޑޭމް ވެބް އަކީ 80 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ބަޖެޓަށް ވުރެ ބޮޑު އާމްދަނީއެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް އެނަލިސްޓުން ބުނެއެވެ.

މެޑޭމް ވެބްގައި ހޮލީވުޑްގެ މަގުބޫލު ގިނަ ތަރީން ފެނިގެންދާނެއެވެ. އެއީ ޑަކޯޓާ ޖޯންސަން އާއި ސިޑްނީ ސްވީނީގެ އިތުރުން އެމާ ރޮބާޓްސް އަދި އިޒަބެލާ މާސާޑްއެވެ.

comment ކޮމެންޓް