އައްޑޫ ބްރިޖުގެ މަސައްކަތް މި ހަފުތާގައި ފަށަނީ

އައްޑޫ ސިޓީ: މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލާ ބްރިޖުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް -- ފޮޓޯ/ ޔުނެސްކޯ

އައްޑޫ ސިޓީގައި މި ދައުރުގައި ހިންގާނެ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ، ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލާ ބްރިޖުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށަން ނިންމައިފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އައްޑޫ ސިޓީއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި މިރޭ ފޭދޫ ރައްޔިތުންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުގައި އައްޑޫއަށް އެކަށީގެންވާ ބާރު ދުވެލީގައި ތަރައްގީ އައިސްފައިނުވާ ކަމަށެވެ.

ނަމަވެސް މި ދައުރުގައި، ރައީސް އައްޑުއަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބްރިޖުގެ މަސައްކަތް ވެސް މި ހަފުުތާ ތެރޭ ފަށާނެ ކަމަށެވެ.

އައްޑޫ ބްރިޖުގެ މަސައްކަތަކީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައިވާ މަސައްކަތެކެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެއް ވައުދުފުޅަކީ އައްޑު އަތޮޅު ހިތަދޫއާއި، އައްޑު އަތޮޅު ހުޅުމީދޫ ގުޅައިލެއްވުމުގެ މަޝްރޫއު. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ފެށިގެންދަނީ މި ހަފުތާ ތެރޭގައި،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެއާއެކު އިހުސާން ގޮވައިލެއްވީ އައްޑުއަށް ގެންނަން ބޭނުންވާ ތަރައްގީ އަވަސް ދުވެލީގައި ގެނައުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އިންތިޚާބުކުރުމަށެވެ.

މިއަދު ރައީސް ވެސް ވަނީ މި މަޝްރޫއުގެ ޑިޒައިން ފީސިބިލިޓީގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަށާނެ ވަކި މުއްދަތެއް ވިދާޅެއް ނުވެއެވެ. އެ މަނިކުފާނު ވިދާޅުވީ ދައުރުގެ ފަހަށް މަޑުނުކުރައްވައި، ވީހާ ވެސް ކުރިއާލައި މަސައްކަތް ފައްޓަވާނެކަމަށެވެ.

ހިތަދުއާއި ހުޅުމީދޫ ބްރިޖުގެ ސާވޭ މަސައްކަތަށް މި އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.

comment ކޮމެންޓް