ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވި ފާޠިމަތު ދިޔާނާ --

ކަސްޓަމްސްގެ 133 އަހަރުވީ ދިގު މާޒީގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

އެ މަގަމަށް އައްޔަން ކުރެއްވީ ޅ.ހިންނަވަރ،ު ސަންދުރަ ފާޠިމަތު ދިޔާނާއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިޔާނާއަށް މަގާމުގެ ލިޔުމާއި ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.

މިއ،ީ ރައީސް މުއިއްޒުގެ ސަރުކާރުން ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއ،ި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަދި، ތަންފީޒީ އިދާރާތަކުގެ ހިންގުމުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނުކުރެވުނު ފަހަރަށްވުމާއެކު، މިއީ ކަސްޓަމްސްގެ އިތުރުން ތަންފީޒީ އެހެން އިދާރާތަކުގެ ހިންގުމުގައި ވެސް ފިރިހެނުންނާއި އަންހެނުން ތަފާތުކުރުމެއްނެތި ޝާމިލުކުރުމަށް ތަނަވަސްވި ފުރުސަތެެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ދިޔާނާ ވަނީ ކަސްޓަމްސްގެ ޚިދްމަތުގައި 23 އަހަރު ފުރިހަމަކުރައްވާފައެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ.

މި ވަގުތު ދިޔާނާގެ އިތުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަޤާމުގައި އިތުރު ދެ ބޭފުޅުން ތިއްބަވައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް ޢަބްދުالله ވަޙީދާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޒެވެ.

comment ކޮމެންޓް