ޓްރީޓޮޕުން، ލޯފުސްވާ ބައްޔަށް ޚާއްޞަ ސާޖަރީއެއް ކާމިޔާބުކަމާއެކު ހަދައިފި

ޓްރީޓޮޕުގައި ލޮފުސްވުމުގެ ބައްޔަށް ޚާއްސަ ސާޖަރީ ހެދި މުޅި ޓީމު--

ޓްރީ ޓޮޕް ހޮސްޕިޓަލުން, ކެޓަރެކްޓް (ލޯފުސްވާ ބަލި) އަދި ގްލޯކޮމާ (ލޮލުގެ އޮޕްޓިކް ނާރަށް ލިބޭ ގެއްލުން) ރަނގަޅުކުރުމުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ހަދައިފިއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، މި ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ ލޮލުގެ ޚާއްސަ ޑރ. އަރުޗަނާ ޝަރްމާއާއި އޭނާގެ ޓީމުންނެވެ.

ޓްރީޓޮޕުން ބުނީ މި އޮޕަރޭޝަނަކީ ގްލޯކޮމާއާއި ކެޓަރެކްޓްގެ ހާލަތެއް އެކީގައި ދިމައިވާ ބަލި މީހުންނަށް ބޭނުންކުރާ ސާޖިކަލް ޓެކްނިކެއް ކަމަށެވެ. އަދި، މި އޮޕަރޭޝަންގެ ތެރޭގައި ފޭކޯއެމަލްސިފިކޭޝަން އާއި އިންޓްރާއޮކިއުލާ ލެންސް އިމްޕްލާންޓް ކުރުމުގެ އިތުރުން ޓްރެބިކިއުލެކްޓޮމީ ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އުމުރުން 55 އަހަރުގެ އަންހެނަކު، ދެ ލޮލުގެ ފެނުން ވެސް ދިގު މުއްދަތަކަށް ދަށްވެ، ގްލޯކޮމާ ބަލި ތަހައްމަލް ކުރަމުން ދާތީ އެ ހޮސްޕިޓަލުގެ ލޮލުގެ ޚާއްސަ ޑރ. އަރުޗަނާ ޝަރްމާއަށް ދެއްކި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ މީހާގެ ދެ ލޮލުގައި ކްރޮނިކް އެންގަލް ކްލޯޒާ ގްލޯކޮމާ ހުރިކަމަށާއި ވައަތު ލޮލުގައި އެޑްވާންސްޑް ގްލޯކޮމާ އަދި ސެނައިލް ކެޓަރެކްޓް ހުރިކަމަށް ފާހަގަކުރެވުނު ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ބަލީގައި ލޭޒަރ އިރިޑޮޓޮމީ އާއި އެންޓި ގްލޯކޮމާ ބޭސްތައް ބޭނުންކުރި ނަމަވެސް ދެ ލޮލުގެ އެންޓިރިއާ ޗެމްބަރު އަދި އޮކްލޫޑެބަލް އެންގަލްސް ތިލަވެ އެއާއެކު އިންޓްރާއޮކިއުލާ ޕްރެޝަރު ނުވަތަ ލޮލުގެ ޕްރެޝަރު ވަރަށް ބޮޑަށް މަތިވާކަމަށް ޓްރީޓޮޕުން ވަނީ މައުލޫމާތު ދީފައެވެ.

އެހެންކަމުން ލޯކަލް އެނެސްތެޝިއާގެ ދަށުން، މި މަހުގެ އަށް ވަނަ ދުވަހު ބަލިމީހާގެ ވާތުލޮލުގެ ފޭކޯޓްރެބެކިއުލެކްޓޮމީ (ކޮމްބައިންޑް ކެޓަރެކްޓް އެންޑް ގްލޯކޮމާ ފިލްޓްރޭޝަން ސާޖަރީ) ކުރި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

ސާޖަރީއަށް ފަހު ބަލިމީހާގެ ފެނުން ރަނގަޅުވެ ލޮލުގެ ޕްރެޝަރު ދަށްވި ކަމަށް ހޮސްޕިޓަލުން މައުލޫމަތު ދެއެވެ.

މީގެ ކުރިން މި ސާޖަރީއަށް އާންމުކޮށް ބަލި މީހުން ރާއްޖެއިން ބޭރަށް ދާން ޖެހުނުކަމުގައި ވިޔަސް، މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްއިން ފަސޭހަކަމާއެކު މި ސާޖަރީ ކުރެވޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ މިފަދަ ފަރުވާތަކުގެ ސަބަބުން، ރާއްޖެއިން ބޭރަށްދާން ކުރަންޖެހޭ ޚަރަދުތައް ކުޑަ ވާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ސިއްހީ ޚިދުމަތް ދޭ ހޮސްޕިޓަލެވެ. އަދި ޓްރީޓޮޕުން މިހާރު ލޮލުގެ ޚާއްޞަ ބަލިތަކަށް ވެސް ފުޅާ ދާއިރާއެއްގައި އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް