ގެދޮރު ދިނުމުގައި، އިސްރަށްވެހިންނަށް ވެސް އިސްކަން ދޭނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ގެދޮރު ދިނުމުގައި، ހަވާސާވެފައި ތިބި މީހުންނަށް އިސްކަން ދޭނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ގެދޮރު ދިނުމުގައި، އަޅާނުލައި ތިބި އިސްރަށްވެހިން ހިމެނޭ ގޮތަށް، މުޖުތަމައުގައި ހަވާސާވެފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒެއްގެ ގޮތުގައި މާލޭގައި ގާއިމުކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގައުމުގެ ކުރިމަގު ބައްޓަން ކުރާއިރު ދިވެހިންގެ އަސާސްތައް މަތިން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހި ގައުމު ދިވެހި ގައުމަށް ވަނީ، އިސްލާމް ދީނާއި ދިވެހި ބަހާއި ސަގާފަތާއި އާދަކާދައަށް އޭގެ ހަމަ ގޮތުގައި އިހުތިރާމުކޮށްގެން ކުރިއަށްދާނަމަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިސްރަށްވެހިންނަށް މި އިސްކަން، މި ދެންނެވި މަސައްކަތް ކުރުމުގައި ދީގެން ކުރިއަށް ނުގޮސްފި ނަމަ މަގުން ކައްސާލާނެ. އާދެ، އަޅުގަނޑު އުއްމީދުކުރަނީ މިއަދު މި ހުޅުވޭ މަރުކަޒު ވެގެން ދާނީ މި މުހިންމު ގައުމީ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒަކަށް ކަމަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންގެ އިތުރަށް މުޖުތަމައުގައި އިސްކަން ދޭން ޖެހޭ، ހަވާސާކުރެވިފައި ތިބި އެތައް ބަޔަކު ތިބި ކަމަށެވެ. އޭގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ގެވެށި އަނިޔާގެ ސަބަބުން ނިކަމެތި ހާލަތެއްގައި ދިރިއުޅެން ޖެހިފައިވާ މީހުންނާއި އެކަނިވެރި މައިންގެ އިތުރުން އަޅާލުން ނުލިބި ތިބި އިސް ރަށްވެހިން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫއެއް ފެށުމަކީ މި ސަރުކާރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ހިމަނާފައިވާ ކަމެއް -- ފޮޓޯ/ ރައީސް އޮފީސް

"ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި އެކިއެކި ހަވާސާވެފައިވާ އަޅާނުލެވި ސަރުކާރުގެ ރާޑަރަށް ނާރާ އަބަދުވެސް އެއް ކައިރީގައި ބަޖެޓުގެ ގޮތުން ބެއްޔަސް، އެކި ކަހަލަ ރިސޯސަސް ފޯރުކޮށްދިނުން ކަމުގައި ވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައި ތިބި ފަރާތްތައް މެއިންސްޓްރީމް ކޮށްގެން، ރާޑަރުގެ މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން،" ރައީސް ވިދާޅުވިއެވެ.

އެގޮތަށް އިސްކަން ދީގެން މަސައްކަތް ކުރުމަށް ޓަކައި ރަނގަޅު ފެންވަރުގެ ދަފުތަރެއް އެކުލަވާލަން ޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރު ނުލިބުމުގެ މައްސަލަކަމަށް ވުމުން، އެކަމުގައި ވެސް، ހަވާސާވެފައިވާ މީހުންނަށް އިސްކަން ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅުން ހުރި ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ބިލު ފަރުމާކުރެވިގެންދާއިރުގައި މީގައި އޮންނަނީ އިރާދަކުރެއްވިއްޔާ ދެންމެ މި ދެންނެވި ގޮތަށް ހަވާސާކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަން ދެވޭނެ،" ރައީސް ވިދާޅުވިއެވެ.

އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫއެއް ފެށުމަކީ މި ސަރުކާރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ހިމަނާފައިވާ ކަމެކެވެ. މި މަޝްރޫއު ފެށުމުގެ ގޮތުން އެފަދަ ފުރަތަމަ މަރުކަޒު ހުޅުވާފައިވަނީ މާލޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައެވެ.

comment ކޮމެންޓް