މަރުވި މީހެއްގެ އާއިލާއަށް، ޓޭލާގެ އެއް ލައްކަ ޑޮލަރުގެ އެހީއެއް

މިއުޒިކް އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ ތަރީންގެ ތެރޭގައި ހިމެނޭ ޓޭލާ ސްވިފްޓް، އެމެރިކާގެ އާއިލާއަކަށް 100،000 އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

މިދިޔަ ހަފުތާ ހޯމަ ދުވަހު އެމެރިކާގެ ސުޕަބޯލް ކާމިޔާބުކުރި ކެންސަސް ސިޓީ ޝީޕްސްއަށް މަރުހަބާ ކިޔުމަށްޓަކައި ބޭއްވި ޕެރޭޑެއްގައި ބަޑި ޖަހައި ހިނގި ހަމަނުޖެހުމެއްގައި ބަޔަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައި މަރުވި މީހެއްގެ އާއިލާއަށް ވަނީ ޓޭލާ ފައިސާ ހަދިޔާ ކޮށްފައެވެ.

ޓޭލާ ފައިސާގެ ބޮޑު އެހީއެއް ހަދިޔާ ކޮށްފައިވަނީ އެ ހާދިސާގައި މަރުވި ދެ ކުދީންގެ މަންމަ ކަމަށްވާ އެލިޒަބެތު "ލައިޒާ" ލޮޕޭޒްގެ އާއިލާއަށެވެ. ލައިޒާގެ އާއިލާއަށް ފައިސާގެ ދަތިކަން ދިމާވެފައިވާއިރު ކުދިންނަށް އަޅާލާނެ ގޮތެއް ނެތުމުން ބަޔަކު ވަނީ "ގޯފަންޑްމީ" އެކައުންޓެއް ހުޅުވާފައެވެ.

އެ އެކައުންޓަށް ޓޭލާ އެންމެ ފުރަތަމަ ހަދިޔާ ކުރީ ބައި ލައްކަ ޑޮލަރެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ އޭނާ ވަނީ އަނެއްކާ ވެސް އިތުރު ބައި ލައްކަ ޑޮލަރު ހަދިޔާ ކޮށްފައެވެ.

ލައިޒާގެ އާއިލާއަށް އެހީ ހޯދުމަށް ފަންޑު ފޮށި ހުޅުވީ 75،000 ޑޮލަރުގެ އެހީއެއް ލިބޭނެ ކަމުގެ އަމާޒު ހަމަޖައްސައިގެންނެވެ. ނަމަވެސް މިހާތަނަށް އެ ފަންޑަށް ވަނީ ވަރަށް ބޮޑު އަދަދެއް ލިބިފައެވެ. އެގޮތުން 326،755 ޑޮލަރުގެ އެހީއެއް ވަނީ ލައިޒާގެ ފަންޑަށް މީހުން ހަދިޔާ ކޮށްފައެވެ. އެ ފަންޑަށް 4،300 މީހުން ވަނީ ފައިސާގެ އެހީ ހަދިޔާ ކޮށްފައެވެ.

މިދިޔަ އަހަރު ބިލިއަނަރަކަށް ވެފައިވާ ޓޭލާ ވަނީ އޭނާގެ ޓުއާގައި މަސައްކަތް ކުރި އެކި މީހުންނަށް ވެސް ދާދި ފަހުން ބޮޑެތި މާލީ އެހީ، ބޯނަސްގެ ގޮތުގައި ހަދިޔާ ކޮށްފައެވެ.

comment ކޮމެންޓް