ވިކްޓަރީ ބަލިކޮށް، މަސްއޮޑިން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި

މަސްއޮޑިން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުން -- ފޮޓޯ/ ސިޑިބަރި

ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، މަސްއޮޑި ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ދެވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ހޯދާފައިވުމުން ވިކްޓަރީ އަދި މަސްއޮޑިން ވެސް އިއްޔެގެ މެޗަށް ނުކުތީ ފުރަތަމަ ޑިވިޝަންގެ ފުރުސަތެއް ކަށަވަރުކޮށްގެންނެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މަސްއޮޑި މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

ވަރުގަދަ ސްކޮޑަކާއެކު މުބާރާތަށް ނުކުތް މަސްއޮޑިން މެޗުގައި ލީޑު ހޯދީ 23 ވަނަ މިނެޓުގައެވެ. މަސްއޮޑިއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަކުންނާއި ގައުމީ ޓީމުން ވެސް ފެނުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

އޭގެ މާގިނައިރުތަކެއް ނުވެ، މަސްއޮޑިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އިއްބެ ދިން ބޯޅައަކުން މަސްއޮޑިއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފެވެ.

ފުރަތަމަ ހާފު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް، ވިކްޓަރީން ވަނީ ގޯލެއް ޖަހައި ލީޑު ހަނިކޮށްފައެވެ. ވިކްޓަރީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މީގެ ކުރިން ފުރަތަމަ ޑިވިޝަންގައި ވިދާލި ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން މަސްއޮޑި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވިކްޓަރީން ކުޅުން ވަރުގަދަކޮށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާ އިރު، އެޓީމަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. ވިކްޓަރީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ)އެވެ.

ދެވަނަ ޑިވިޝަންގެ ތައްޓަށް ވިކްޓަރީން ކުރަމުންދިޔަ އުންމީދުތަކަށް ނިމުމެއް އައިސްފައިވަނީ އިތުރު ވަގުތުކޮޅުގެ ތެރޭގައި މަސްއޮޑިން ޖެހި ގޯލުންނެވެ. މަސްއޮޑިއަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮޑިލީ ޗިޑީ ފީލިކްސްއެވެ.

comment ކޮމެންޓް