އެންމެ ލޯބިވާ ގައުމު ދޫކޮށް މަޖުބޫރު ހިޖުރައެއް؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ގިނަ ޒުވާނުން ގައުމުން ބޭރުގައި ދިރިއުޅެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުދުރަތީ ރީތިކަމުގެ އެއްވަނަ ނަންބަރަކަސް، އަދި އެއްވަނަ ދުނިޔޭގެ ގައުމުތަކަށް ދުނިޔެމަތިން ފެންނަ ސުވަރުގެއަށް ވީނަމަވެސް، މި ތަނުގެ ވަޒަންވެރިންނަށް މިއީ ބަންދެކެވެ. މީހާ، މީހަކަށްވާން އޮތް ބަންދެކެވެ. ހިންދެމިލައިގެން އުޅެލަން އެޅޭ ހުރަހެކެވެ. ދިވެހިރާއްޖެ ދޫކޮށްފައި، މި ގައުމު ދެކެ އެންމެ ލޯބިވާން ތިބި ޒުވާނުން މި ކުރަނީ މަޖުބޫރު ހިޖުރައެކެވެ.

ދުބާއީއަށް ވަޑައިގެން، އެ ތަނުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި، "ގައުމަށް ޚިދުމަތް ކުރައްވަން ވަޑައިގަންނަވަން" ގޮވައިލުމުން، މި ޖީލު އެންމެން ރަތަށް އެރީ ސަބަބެއް ނެތިއެއް ނޫނެވެ.

މިއީ ދުނިޔެ މަތީގެ ސުވަރުގެކަމާ މެދު ޝައްކެއް ކުރާނެ މީހަކު ނެތެވެ. އެކަމަކު، އެއީ ދޮންވެލީ ތުނޑީތަކުގައި ދެފައި ދަމާލައިގެން އަތްވަށް މޫނު ދައްކައިގެން އޮންނަން އަންނަ ދޮން މީހުންނަށެވެ. މާލޭގެ ކުދިކުދި ގޮޅިގޮޅީގައި ބަނދެވި ތިބެގެން، މުޅި އާއިލާ އެއް ކޮޓަރީގައި އުޅެގެން ވެސް ދެކޮޅު ނުޖެހޭ ހިސާބަށް ބަނގުރޫޓުކޮށްލާފައި ތިބި ޒުވާނުންނަށް މިއީ ބަންދެކެވެ. ޖަލެކެވެ.

އެ މީހުން 'ދެމިގަންނަން' އެ ކުރަނީ މަޖުބޫރު ހިޖުރައެކެވެ. އެ ކުދިން ގާތުގައި 'ގައުމަށް ވަޑައިގަންނަވާށޭ' އެ ވިދާޅުވަނީ އެ ކަމުގެ ޒިންމާނަންގަވަން ތިއްބެވި ބޭފުޅުންނެވެ.

ގަނަނުތެޅި، ދިރިއުޅެން ކުރާ ހިޖުރައެއް

"ލިބޭ މުސާރައަށް ވުރެ ކުއްޔާއި ދުވަހުން ދުވަހުގެ ޚަރަދުތަކާއި ފީތައް މާ ބޮޑު. ދެން އިތުރު ގޮތެއް އެބައޮތްތަ؟" ގާނޫނީ ދާއިރާއިން ކިޔަވާ ޒުވާނަކު ބުންޏެވެ.

މާލޭ މަގުމަތި: ޒުވާނުން ބުނީ ގައުމުގައި ފުރުސަތު ނެތް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެެއީ ފާޅުކޮށް ފެންނަން އޮތް ހަގީގަތެކެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2019 ވަނަ އަހަރު ހެދި ސާވޭއަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުގެ ގޭބިސީއަކުން އެވްރެޖުކޮށް މަހެއްގެ މައްޗަށް 37،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. އަދި، ގޭބިސީގައި އުޅޭ ކޮންމެ މީހަކު އެވްރެޖްގޮތެއްގައި 7،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.

އެ ޚަރަދުގެ ބޮޑު އިންސައްތައެއް ހިއްސާވަނީ ޒަރޫރީ ބޭނުންތަކެވެ. އެއީ، ދިރިއުޅެން ކުރަން ޖެހިފައި އޮތް ޚަރަދެކެވެ.

ސާވޭއިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ އާއިލާތަކުން، މުސާރައިގެ 35 އިންސައްތަ ޚަރަދުކުރަނީ ކުއްޔަށެވެ. ނިކަމެތި އާއިލާތަކުން 68 އިންސައްތައެއްހައި ފައިސާ ކުއްޔަށް ހޭދަކުރާއިރު ތަނަވަސް އާއިލާތަކުން ވެސް މުސާރައިގެ 28 އިންސައްތަ ކުއްޔަށް ދައްކައެވެ.

މާލޭގައި އުޅޭ އާއިލާތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 37،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު، ގޭބީސީއަކަށް އެވްރެޖްކޮށް ލިބޭ އާމްދަނީއަކީ 35,596 ރުފިޔާއެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ ހިސާބެއް، ޅެމެއް ވެސް ނެތެވެ.

މާލެ: ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ގިނަ ޒުވާނުން ގަބޫލުކުރޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެ މައްސަލަ އެއްފަރާތުގައި ބާއްވައިގެން ގައުމަށް ހިދުމަތްކުރަން ނުކުންނަ ޒުވާނުންނަށް ވެސް ހައްގު ފުރުސަތެއް ނުލިބެއެވެ. އެ މީހުން ހިނގާނެ މަގެއް ނެތެވެ.

"ހާލުގައި ލޯނު ނަގައިގެން ކިޔަވާ ކުދިން މޫނަށް ބިހެއް ޖަހާފައި، މަގުމަތީ ޕާޓީ ދިދަ ހިފައިގެން އުޅޭ ކުދިންނަށް ވަޒީފާ ދޭތީ،" ޒުވާނަކު ރާއްޖޭގައި ދިރިއުޅެވެން ނެތް ސަބަބު ބުނެދިނެވެ.

ޒުވާނުން ބުނާ ގޮތުން، ކިތަންމެ ރަނގަޅަށް ކިޔަވައިގެން، ކިތަންމެ ލޯބިން ހިދުމަތްކުރަން އެދިގެން ނުކުތަސް މަގާމު ލިބެނީ ސިޔާސީ މީހާއަށެވެ. އެ މީހާގެ ދަރިފުޅަށެވެ. އެހެން ޒުވާނަކު ބުނީ، މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ 80 ނޫނީ 90 އިންސައްތަ އެކަނި ވެސް ހެއްކަކަށް ފުދޭ ކަމަށެވެ.

ރާއްޖޭގައި އުޅެވެން ނެތް އެތައް ހާސް ސަބަބެއް ޒުވާން ޖީލު ބުނެދީފިއެވެ. އެއްވެސް ސަރުކާރަކަށް ބުނެ ނުދެވުނީ އެ މީހުން މި ގައުމުގައި ޚިދުމަތްކުރަންވީ ސަބަބެކެވެ.

ބޭރު ގައުމުތަކުގައި މާ ފުރުސަތު ފަހި

އެންމެ ގިނަ ދިވެހީން ދިރިއުޅޭ މެލޭޝިއާ އެއީ އެއް މިސާލެވެ. އެ ތަނުގެ އެވްރެޖް މުސާރައަކީ ގާތްގަނޑަކަށް 669.46 ޑޮލަރެވެ. އެ ތަނުގައި އުޅޭ ދިވެހި ޒުވާނަކު ބުނީ، އޭނާގެ މަހެއްގެ ހުރިހާ ޚަރަދެއް 400 ޑޮލަރުން ނިންމޭ ކަމަށެވެ. އެ ތަނުގައި އޭނާ އުޅެނީ ފެންވަރު ރަނގަޅު އެޕާޓްމަންޓެއްގައެވެ. އެ ތަނުގައި އޭނާ އުޅެނީ ހިތްހަމަޖެހިގެންނެވެ.

މެލޭޝިއާގެ ފޮޓޯއެއް: އެ ގައުމުގައި ގިނަ ދިވެހީން ދިރިއުޅޭ -- ފޮޓޯ/ ބްލޫމްބާގް

މާލޭގައި ދެ ދަރިންނާ އެކު އެއް ކޮޓަރީގައި އުޅުނު ނަމަވެސް މިހާރު މެލޭޝިއާގައި އެންމެ ފެންވަރު ރަނގަޅު އެޕާޓްމަންޓެއްގައި އުޅެނީ ކޮންމެ ދަރިއަކު ވަކި ކޮޓަރީގައި ނިންދަވައިގެންނެވެ. އެހެންވެ، އެ ޒުވާނާއަށް މި ގައުމަށް އައިސް ޚިދުމަތްކުރުން ދެކޮޅެއް ނުޖެހެއެވެ.

މިއީ އެންމެ ޒުވާނެއްގެ ހާލަތެއް ނޫނެވެ. މަޖުބޫރުން ހިޖުރަކޮށްގެން އެތައް ޒުވާނުންނެއް އެ ތިބީ ގައުމުން ބޭރުގައި ތާށިވެފައެވެ. އެއީ ގައުމު ދެކެ ވާ ލޯބި ކުޑަވެގެންނެއް ނޫނެވެ. އެއީ، ގައުމު ޒުވާނުންދެކެ ވާ ލޯބި ކުޑަވެގެންނެވެ.

ސިޔާސީ ބޭފުޅުން ކުރަންވީ ކަމަކީ ޒުވާނުން ގައުމަށް އަންނަން ގޮވައިލުމެއް ނޫނެވެ.

އެ ބޭފުޅުންނަށް އޮތް ޒިންމާއަކީ ގަނަނުތެޅި މި ގައުމުގެ ޒުވާން ޖީލަށް ދިރިއުޅެވޭނެ މަގެއް ދެއްކުމެވެ. ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ. ލިބޭ އެތިކޮޅެއް ދެކޮޅު ޖެއްސޭނެ ގޮތެއް ދެއްކުމެވެ. އެ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެ ޒުވާނުންނަށް ހައްގުވާ މަގާމު ދިނުމެވެ.

comment ކޮމެންޓް