އިންޑިއާ ދަނޑުވެރިންގެ މުޒާހަރާ ވަގުތީ ގޮތުން ހުއްޓާލައިފި

އިންޑިޔާގެ ދަނޑުވެރިން ކުރަމުންދާ މުޒާހަރާ. ފޮޓޯ/ރޮއިޓާސް

ސަރުކާރާއި ޔޫނިއަންތަކުން މަޝްވަރާކުރަމުންދާތީ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެންމެ ދަށް އަގު ކަނޑައެޅުމަށް ގޮވާލައި އިންޑިއާގެ ދަނޑުވެރިން ފަށައިގެން އުޅޭ މުޒާހާރާ ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ.

އިންޑިއާގެ ދަނޑުވެރިން ގޮވާލާ މައިގަނޑު ކަމަކީ އެ މީހުން ހައްދާ ތަކެތި ވިއްކުމަށް އެންމެ ދަށް އަގެއް ގާނޫނަކުން ކަނޑައެޅުމެވެ. އަދި، އެ މީހުން ނަގާފައިވާ ލޯނުތައް މާފުކޮށްދިނުމަށް ވެސް އަންނަނީ ގޮވައިލަމުންނެވެ.

"ދެން އޮންނަ މަޝްވަރާތައް އަންނަ އާދީއްތަ ދުވަހު އިރުއިއްސި ހައެއް ޖަހާއިރު އޮންނާނެ. އަޅުގަނޑުމެން ގަބޫލުކުރަނީ މިކަމަށް ހައްލެއް ގެންނާނި ސުލްހަވެރިކަމާއެކު އެންމެން އެކީގައި މަސައްކަތްކޮށްގެން ކަމަށް،" އިންޑިއާގެ ދަނޑުވެރިކަމާބެހޭ ވަޒީރު އަރުޖުން މުންޑާ ވިދާޅުވިއެވެ.

މުޒާހަރާގެ ލީޑަރު ޖަގްޖިތު ސިންގް ދަލެވަލް ބުނީ މުޒާހާރާ މި ވަގުތަށް ހުއްޓައިލައިފައިވާ ކަމަށެވެ. އަދި، މަޝްވަރާ ބައްދަލުވުން ދިއްލީގައި ކުރިއަށްދާނަމަ، މުޒާހާރާ ކުރާ މީހުން ދިއްލީއާ ދިމާލަށް ދާނަމަ ބައްދަލުވުން ނުބޭއްވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދިއްލީ ޗަލޯ" ނުވަތަ "ދިއްލީއަށް ދާން ހިނގާ"ގެ ނަމުގައި މުޒާހަރާ ފެށި ދަނޑުވެރިން އިންޑިއާގެ އެކި ހިސާބުތަކުން ޓްރެކްޓަރުތަކާއި އެކި ވެހިކަލްތަކުގައި ނިއު ދިއްލީއަށް އަރަން އައިއިރު ފުލުހުން ވަނީ މަގުތައް ބަންދުކޮށް ބެރިކޭޑް ޖަހައިފައެވެ. ނަމަވެސް އެ ބެރިކޭޑްތައް ވައްޓާލައި އެތެރެއަށް ވަންނަން މަސައްކަތްކުރުމުން ފުލުހުން ވަނީ ކަރުނަގޭސް ޖަހައި ދަނޑުވެރިން ހުއްޓުވައިފައެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ޕަންޖާބުގެ އުމުރުން 42 އަހަރުގެ ދަނޑުވެރިއެއް ކަމަށްވާ ބަލްބީރު ސިންގް ބުނީ އޭނާ ބޭނުންވަނީ އޭނާގެ އާއިލާ ބަލަހައްޓައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ސަރުކާރަށް އެނގެން ކަމަށެވެ.

"ފުލުހުން އަހަރެމެންނާ މެދު އަމަލުކުރަމުން ގެންދަނީ ދުޝްމަނު ގައުމަކުން އައިސްގެން އުޅޭ ބަޔަކާ މެދު އަމަލުކުރާ ގޮތަށް،" ވެރިރަށާ 415 ކިލޯމީޓަރު ދުރުގައި އޮންނަ ކަޕުރްތަލާ ޑިސްޓްރިކްޓުން މުޒާހަރާގައި ބައިވެރިވާން ގޮސް ހުރި އުމުރުން 65 އަހަރުގެ މޯހަން ސިންގް ބުންޏެވެ.

އެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު ކަނޑައެޅުމަށް ހުރި ގޮންޖެހުންތައް ނައްތައިލައި ދަނޑުވެރިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭނެ ކަމަށް ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވައުދުވިތާ ދެ އަހަރު ފަހުންނެވެ.

comment ކޮމެންޓް