އަންވެއިލިން ވިޝަންއަށް ހުޅުވާލާފައި އޮތްކަން އެނގޭތަ؟

މިދިޔަ އަހަރު ކުރިއަށް ދިޔަ އަންވެއިން އާޓް މައުރަޒުގެ ތެރެއިން --- ފޮޓޯ/ މެކް

ގިނަ ދިވެހި އާޓިސްޓުންގެ ހުނަރުތައް ދައްކާލުމަށް ބާއްވަމުން އަންނަ "އަންވެއިލިން ވިޝަންސް"ގެ މި އަހަރުގެ އެގްޒިބިޝަނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް އެބަދެއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އާޓް މައުރަޒަކީ ތަފާތު މީޑިއަމްގެ އާޓްތައް ދައްކާލުމަށް އާޓިސްޓުންނަށް ލިބޭ ބޮޑު ޕްލެޓްފޯމެކެވެ.

މެކްގެ ހަތްވަނަ މައުރަޒު މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ބޭއްވިއިރު މިހާރު ވަނީ މި އަހަރުގެ މައުރަޒަށް އާޓިސްޓުން ހޮވުމަށްޓަކައި ހުޅުވާލައިފައެވެ.

މައުރަޒަށް އާޓުތައް ހުށަހެޅުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ހުޅުވާލާފައެވެ. އަދި، 15 އަހަރުން މަތީގެ ކޮންމެ އާޓިސްޓަކަށް ވެސް އެ މީހެއްގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށް މެކުން ވަނީ ބުނެފައެވެ. އެގޮތުން ތަފާތު މީޑިއަމްތަކުގެ އާޓިސްޓުންނަށް އެ މީހުންގެ އާޓުތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

ކޮންމެ އަހަރެއްގައި ވެސް މި މައުރަޒުގައި ބައިވެރިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މައުރަޒުގައި ހުށަހަޅާނެ އާޓުތައް ފިލްޓާ ކުރަން ޖެހެއެވެ. މި އަހަރުގެ މައުރަޒުގައި ބައިވެރިވާން ބޭނުންވާ ހުރިހާ އާޓިސްޓުންގެ ޕޯޓްފޯލިއޯއެއް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި މަހުގެ 29 ވަނަ ދުވަހަކީ މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލިބޭ އެންމެ ފަހުގެ ތާރީހެވެ.

މި މައުރަޒަށް ހޮވޭ އާޓިސްޓުންނަށް އެ މީހުންގެ ހުނަރުތައް ދައްކައި، އެ އުފެއްދުންތައް ވިއްކާލުމަށް ވެސް ފުރުސަތު ލިބިގެން ދާނެއެވެ.

މި އަހަރުގެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ.

މިދިޔަ އަހަރުގެ އިވެންޓުގައި 80 އަށް ވުރެ ގިނަ އާޓިސްޓުންގެ އާޓުތައް ވަނީ ދައްކާލައިފައެވެ. އަދި ލަފާ ކުރެވޭ ގޮތުގައި މި އަހަރު އެ އަދަދަށް ވުރެ އިތުރުވާނެއެވެ.

comment ކޮމެންޓް