އެމެރިކާގެ ތިން ވަނައަށް އެންމެ އަގުބޮޑު ކުންފުންޏަކަށް އެންވީޑިއާ

މައިކްރޯޗިޕް އުފެއްދުމުގައި މަޝްހޫރު އެންވީޑިއާއިން އަލްފަބެޓް ފަހަތަށް ޖައްސާލައި އެމެރިކާގެ ތިން ވަނައަށް އެންމެ އަގުބޮޑު ކުންފުނީގެ މަގާމު ހޯދައިފިއެވެ.

އެންވީޑިއާގެ ހިއްސާ އަދިވެސް މަތިވަމުން އަންނައިރު، އެ ކުންފުނި މިހާރު ވަނީ ގޫގުލްގެ މައި ކުންފުނި އަލްފަބެޓް ފަހަތަށް ޖައްސާލައި އެމެރިކާގެ ތިން ވަނައަށް އެންމެ އަގުބޮޑު ޕަބްލިކް ޓްރޭޑް ކުރާ ކުންފުންޏަށް ވެފައެވެ.

ރޮއިޓާސްއިން ބުނިގޮތުގައި އެންވީޑިއާގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 1.83 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އެންވީޑިއާ އިން އެމެޒޯންވެސް ފަހަތަށް ޖައްސާލައި އެމެރިކާގެ އެންމެ އަގުބޮޑު ތިން ކުންފުންނީގެ ލިސްޓަށް އެރި ފުރަތަމަ ފަހަރެވެ. މައިކްރޮސޮފްޓާއި އެޕަލް އެންމެ ކުރީގައި އުޅޭއިރު އެ ދެކުންފުންޏާ ޖެހިގެން ތިންވަނައިގައި މިވަގުތު އޮތީ އެންވީޑިއާއެވެ.

ރޮއިޓާސްގެ އެނަލިސިސް ރިޕޯޓުން ދައްކާގޮތުގައި މައިކްރޮސޮފްޓާއި އެޕަލް އަދި ސައުދީ އަރަބިއާގެ ތެޔޮ ކުންފުނި ސައުދީ އަރަމްކޯއަށް ފަހު ދުނިޔޭގެ ހަތަރު ވަނައަށް އެންމެ އަގުބޮޑު ޕަބްލިކް ކުންފުނީގެ ގޮތުގައި ވެސް މިވަގުތު އޮތީ އެންވީޑިއާއެވެ.

އެންވީޑިއާއަށް މިހާބޮޑު ކުރިއެރުމެއް ލިބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޭއައިއަށް ލިބުނު ތަރުޙީބާ ގުޅިގެން ކަމަށް ބެލެވެއެވެ.

މަތީ ފަންތީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް މާކެޓުގެ ގާތްގަނޑަކަށް 80 އިންސައްތަގެ މައްޗަށް އެ ކުންފުނިން ބާރު ފޯރުވާއިރު، އޯޕަންއޭއައި، އެމެޒޯން، މެޓާ ފަދަ ކުންފުނިތަކަށް ބޮޑެތި ބަހުގެ މޮޑެލްތަކަށް ބާރުދޭ ޕްރޮސެސަރުތައް އެކުންފުނިން ސަޕްލައިކުރެއެވެ.

އެ ކުންފުނީގެ ފްލެގްޝިޕް އެޗް100 އޭއައި ޗިޕަކީ ޓެކް އިންޑަސްޓްރީގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަލައިގެންފައިވާ ޗިޕެކެވެ. މިދިޔަ ޖެނުއަރީ މަހު މެޓާއިން ވަނީ އެންވީޑިއާގެ އޭއައި ގާބިލްކަން އިތުރުކުރުމުގެ ގޮތުން 2023 ވަނަ އަހަރު ނިމުމުގެ ކުރިން 350،000 އެޗް100 ޗިޕް ގަންނަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ބައެއް އޭއައި ކުންފުނިތަކާ ހިލާފަށް، ވަކި މޮޑެލްތަކަކަށް ނުވަތަ އެޕްލިކޭޝަންތަކަށް ސަމާލުކަން ދޭއިރު، އެންވީޑިއާ އަކީ އޭއައި އިކޯސިސްޓަމްގައި ނިއުޓްރަލް އެނަބަލަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އޭއައި ޗިޕްސްގެ އިތުރުން ކްލައުޑް ކޮމްޕިއުޓިން ޕްރޮވައިޑަރުންނަށް ވެސް ކަސްޓަމް ޗިޕްތައް ސަޕްލައި ކޮށްދިނުމުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏަކީ އެންވީޑިއާއެވެ.

އެންވީޑިއާއިން އަންނަ ހަފުތާގައި ނުވަތަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އިތުރު ބްލޮކްބަސްޓާ ކުއާޓާއެއް ރިޕޯޓް ކުރާނެ ކަމަށް ބެލެވެއެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި ކުންފުނީގެ ކުއާޓަލީ އާމްދަނީ ތިން ގުނަ އިތުރުވެ 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށްބެލެވޭއިރު، ސާފު ފައިދާ 400 ޕަސެންޓް އިތުރުވެ 11.4 ބިލިއަން ޑޮލަރަށް އަރާނެއެވެ.

comment ކޮމެންޓް