ގުޅީފަޅު ހިއްކަން ހެދި އެގްރީމަންޓަކީ ހެޔޮއެދޭ ބަޔަކު ކުރާ ކަހަލަ ކަމެއް ނޫން: މިނިސްޓަރު މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

ގުޅީފަޅު ހިއްކަން ހެދި އެގްރީމެންޓަކީ ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާ ކަހަލަ ކަމެއް ނޫން ކަމަށް، އިންފްރާންޓަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ މަޝްރޫއު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މި މަސައްކަތް ޚާއްސަ ކުރަން އޭރުގެ ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅުގައި ތަރައްގީކުރާ ސަރަހައްދީ ބަނދަރުގެ މަސައްކަތަށެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު ވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ. އެކަމަކު، އެ ކޯޓުން އެ އަމުރު ނެރެއެއް ނުދިނެވެ. އެހެންވެ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އިއްޔެ ހައިކޯޓުން ވަނީ ގުޅީފަޅު ހިއްކުން ހުއްޓައިލަން އަންގައި ވަގުތީ އަމުރެއް ނެރެދީފައެވެ.

ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ. ސުޕްރީމް ކޯޓުން މިއަދު ވަނީ އެ އަމުރު ނެރެދީފައެވެ. އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ އެ ކޯޓުން ވަކި ގޮތެއް އަންގަންދެން ހައިކޯޓުގެ އަމުރަށް އަމަލުނުކުރާން އަންގައިފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ހިމެނޭ ޚަބަރު ޓްވީޓް ކުރައްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރި މީހުންނަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި މީހުން ކަމަށެވެ.

"ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެ ވިދާޅުވާ ކަންތައްތަކުގެ ތަފުސީލު ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ މައުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކޮށްނުދީފި ނަމަ، ދައުލަތަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެ ކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ގުޅިފަޅުގެ ބިން ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން ލައްކަ ޑޮލަރު, އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، ބޮސްކާލިސްއަށް ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.

ގުޅިފަޅު ހިއްކުން ހައިކޯޓުން ހުއްޓުވިއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކައި ނިންމައިފައެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

comment ކޮމެންޓް