މުދަލު ޒަކާތަށް ހޭލުންތެރިކުރުވަން ގައުމީ ޕްރޮގްރާމެއް ފަށަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: އޭނާ ވިދާޅުވީ ޒަކާތާއި މެދު ދިވެހި މުޖުތަމައުގައި މަތިވެރި ގަދަރާއި އިހުތިރާމު ދިނުމުގެ ގޮތުން ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަޖެެހިފައިވާ ކަމަށް -- ފޮޓޯ/ މިނިސްޓްރީ

މުދަލު ޒަކާތާ މެދު މުޅި ގައުމު ހޭލުންތެރިކަން އިތުރު ކުރުވުމަށްޓަކައި ގައުމީ ފެންވަރުގައި ޕްރޮގްރާމެއް ހިންގާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ފުރަތަމަ ބުރު މާދަމާ ކުޅުދުއްފުށި ސިޓީގައި ކުރިއަށް ދާނެ ކަމަށެވެ.

ޕްރޮގްރަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ މި ރުކުނަށް ދިވެހި މުޖުތަމައުގައި މަތިވެރި ގަދަރާއި އިހުތިރާމު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ޕްރޮގްރާމަކީ އެކި ފަންތީގެ ވިޔަފާރިވެރިންނަށް މުދަލުން ޒަކާތް ނެރުމުގެ މައްޗަށް ހޭލުންތެރި ކުރުވުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމުގެ އަމާޒަކީ އެކި ފަންތީގެ ވިޔަފާރިވެރިންނަށް މުދަލުން ޒަކާތް ނެރުމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުވާ ޒަކާތް ނެރެވޭނެ ގޮތާއި، މިކަންކަމާއި މެދުގައި މައުލޫމާތު ފޮރުކޮށްދިނުމާއި، މިކަންކަން ފަސޭހަކޮށްދިނުމާއި އަދި ވިޔަފާރިވެރިންގެ ކިބައިން އަޑު އެހުމާއި، ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ޕްރޮގްރާމް ވާނީ ވަރަށް ކާމިޔާބުކަމާ އެކު ރާއްޖޭގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމަކަށް ކަމަށެވެ.

ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރުން ވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ވެސް އުފައްދައިފައެވެ. އެ އިދާރާގެ ބޭނުމަކީ ރާއްޖޭގައި ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތް ނެރުމާއި ޒަކާތާ ގުޅޭ ގޮތުން އާންމުންނާއި ދައުލަތުގެ މުއައައްސަސާތައް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމެވެ.

މީގެ ކުރިން ޒަކާތުގެ ކަންކަން ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީގެ ތެރޭގައި އެކަމަށް ޚާއްސަކޮށް އޮންނަ ވަކި ސެކްޝަނަކުންނެވެ. ނަމަވެސް މި އިދާރާއާ އެކު ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް މަގުފަހިވާނެއެވެ.

comment ކޮމެންޓް