އިންޑޮނޭޝިއާގެ ރިޔާސަތު ކާމިޔާބު ކުރެއްވި ސުބިއާންޓޯގެ ފަހަތުގައިވަނީ ކޮން ހަގީގަތެއް؟

އިންތިޚާބު ކާމިޔާބު ކުރެއްވި ސުބިއަންޓޯ

އިންޑޮނޭޝިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ޕްރޮބޯވޯ ސުބިއާންޓޯ ވަނީ ބޮޑުތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ސުބިއަންޓޯއަށް ވަނީ ވޯޓުގެ 58 އިންސައްތަ ލިބިފައެވެ. ސުވާލަކީ މިހާބޮޑު ތަފާތަކުން ސުބިއަންޓޯ އިންތިޚާބު ކާމިޔާބު ކުރެއްވީ ކޮންގޮތަކަށްތޯއެވެ. މި ހައިރާން ކުރުވަނިވި ނަތީޖާގެ ފަހަތުގައިވާ މައިގަނޑު ހަގީގަތަކީ އަދި ސަބަބަކީ ކޮބައިތޯއެވެ؟

ވަގުތީ ނަތީޖާ ދައްކާގޮތުން ސުބިއަންޓޯއަށް ވަނީ ވޯޓުގެ 58 އިންސައްތަ ލިބިފައެވެ. ވޯޓު ލުމަށްފަހު ވޯޓުލާ މަރުކަޒުތަކުން ނުކުން މީހުން ވޯޓުލިގޮތް ބެލުމަށް އިންޑޮނޭޝިއާގައި ޚިޔާލު ހޯދުމުގެ ސާވޭކުރާ މުސްތަގިއްލު ހަތަރު މަރުކަޒަކުން ކުރި ސާވޭތަކުން ހާމަވާގޮތުގައި ޕްރޮބޯވޯ ސުބިއާންޓޯ އަށް 52 އިންސައްތައާއި 55 އިންސައްތައާ ދެމެދުގެ އަދަދެއްގެ ވޯޓުލިބޭނެއެވެ. މިހާތަނަށް 90 އިންސައްތަ ވޯޓު ގުނާފައިވާއިރު ވޯޓުގެ 58 އިންސައްތަ ސުބިއާންޓޯއަށް ލިބިފައިވާކަން މީޑީއާ ތަކުންވެސް ކަށަވަރުކޮށްދެއެވެ.

ސުބިއާންޓޯއަކީ އިންޑޮނޭޝިއާގެ މިހާރުގެ ދިފާއީ ވަޒީރެވެ. އޭނާއަކީ ކުރިން އިންޑޮނޭޝިއާ ސިފައިންގެ ޖެނެރަލުންގެ ތެރޭގައި އިސްކޮށް އުޅުއްވި ތަޖުރިބާކާރު އަސްކަރީ ބޭފުޅެކެވެ. އިންޑޮނޭޝިއާ ސިފައިންގެ އެންމެ އެލީޓް ބާރުކަމަށްވާ ސްޕެޝަލް ފޯސަސް ގެ ކޮމާންޑަރުކަންވެސް ސުބިއާންޓޯ އަދާ ކުރައްވާފައިވެއެވެ.

ސުބިއަންޓޯ އާއި އޭނާގެ ރަނިންމޭޓް ގިބްރާން

ސިޔާސީ މައިދާނަށް ވަދެވަޑައިގަތުމަށްފަހު ސުބިޔާންޓޯ މަސައްކަތްކުރެއްވީ އިންޑޮނޭޝިއާގެ މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ އާއެކުގައެވެ. ވިޑޯޑޯގެ ހިޔަނީގައެވެ. މިއީ ވިޑޯޑޯގެ ރިޔާސީ ދެވަނަ ދައުރެވެ. ވިޑޯޑޯ އަކީ އިންޑޮނޭޝިއާއަށް ތަރައްގީ އާއި ރައްޔިތުންނަށް ތަނަވަސްކަން ގެނަސްދެއްވި ބޭފުޅަކަށް ވެފައި ރައްޔިތުންގެ ތާއީދު ބޮޑު ބޭފުޅެއް ނަމަވެސް ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމަތި ނުލެއްވީ އިންޑޮނޭޝިއާގެ ގާނޫނު އަސާސީއިން އެ ކަމަށް ތަންނުދޭތީއެވެ.

ސުބިއާންޓޯ އަކީ ވިޑޯޑޯގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާގެ ސަރުކާރުގެ ދިފާއީ ވަޒީރެވެ. ސުބިއާންޓޯގެ ރަނިން މޭޓް ގިބްރާން ރަކަބުމިންގް އަކީ ވިޑޯޑޯގެ ދަރިކަލެކެވެ. އެހެންކަމުން ސުބިއާންޓޯގެ މި އާދަޔާ ޚިލާފު ކާމިޔާބީގެ ފަހަތުގައިވަނީ މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ ކަމާމެދު ޝައްކުކުރާނެ ޖާގައެއް ނެތެވެ. ވިޑޯޑޯ ވަނީ ރައްޔިތުންގެ އިތުބާރު ސުބިއަންޓޯއަށް ހޯދައިދިނުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރައްވާފައެވެ.

ރިޔާސީ ދެދައުރުގައި ވެރިކަންކުރެއްވި މިހާރުގެ ރައީސް ވިޑޯޑޯއަކީ އިންޑޮނޭޝިއާ މިހާތަނަށް ނުދެކޭފަދަ ކާމިޔާބު ލީޑަރެކެވެ. އޭނާގެ ވެރިކަމުގައި އިންޑޮނޭޝިއާ ވަނީ އެ ގައުމުގެ ތާރީޚުގައިވެސް ނުދެކޭފަދަ ބާރު ދުވެއްޔެއްގައި ތަރައްގީގައި ކުރިޔަށް ގޮސްފައެވެ. އިންޑޮނޭޝިއާގެ ތާރީޚުގައިވެސް ނުދެކޭފަދަ ބޭރުގެ އިންވެސްޓްމަންޓްތައް އެ ގައުމަށް ގެނަސް ޒަމާނީ އިންފްރާސްޓްރަކްޗާ ބިނާކޮށްދެއްވާފައެވެ. އިގްތިސާދު ހަރުދަނާކޮށް ސިނާއީ އުފެއްދުންތައް ދެގުނަ ކުރައްވާފައެވެ.

މިހާރުގެ ރައީސް ވިޑޯޑޯ

ބޮޑެތި ސިނާއަތްތަކުގެ ބިންގައި އަޅުއްވައި އެތައް މިލިޔަން ފަގީރުން ފަގީރުކަމުގެ ހާލަތުން މެދުފަންތީގެ ހާލަތަށް ބަދަލުކުރައްވާފައެވެ. ގެދޮރު ނެތް އެތައް މިލިޔަން ބަޔަކަށް ގެދޮރު ހޯއްދަވައި ދެއްވައި ވަޒީފާނެތް މީހުންގެ ނިސްބަތް ވަރަށް ބޮޑުތަން ކުޑަކުރައްވާފައެވެ. މިކަމުގެ ސަބަބުން ސިޔާސީ ހަމެޖެހުން ގާއިމްވެ ރައްޔިތުންގެ އިތުބާރު ވިޑޯޑޯ ވަނީ ހޯއްދަވާފައެވެ.

އިންޑޮނޭޝިއާގެ ސިޔާސީ މުހައްލިލެއްކަމަށްވާ ޕޮލިޓިކަލް ސައެންސާބެހޭ ޕްރޮފެސަރު ސުކުމާޖާތީ ވިދާޅުވާގޮތުގައި ރައްޔިތުންގެ ތާއީދު ސުބިއާންޓޯއަށް ހޯދައިދިނުމަށް ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ގިނަ ކަންތައްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި ވިދޯޑޯގެ ދެވަަނަ ދައުރުގެ ފަހުކޮޅުގައި ތަރައްގީގެ ޕްރޮގްރާމްތައް ގިނަކޮށް އެ ޕްރޮގްރާމްތައް އަވަސްކުރުމާއި މެދުފަންތިއާއި ފަގީރު ފަންތީގެ އެތައް މިލިޔަން ބައެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގެވުން ހިމެނެއެވެ.

މިއީ ވެރިކަމުގައި ހުންނަަވައިގެން ގާނޫނީ ގޮތުން ވިޑޯޑޯއަށް ކުރެވޭނެކަންކަމެވެ. ނަމަވެސް ސުބިއާންޓޯ އަށް ރައްޔިތުންގެ ތާއީދު ހޯދައިދިނުމުގެ ބޭނުމުގައި ނޫންނަމަ ތިންވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ނެތް ރައީސަކު ދެވަނަ ދައުރުގެ ފަހުކޮޅުގައި ގައުމުގެ ތަރައްގީއަށް މިހާގިނަ މަސައްކަތްތައް ކުރައްވަފާނެތޯ އޭނާ ސުވާލު އުފައްދަވައެވެ.

ސުބިއަންޓޯ ވޯޓު ލައްވަނީ

ތިން ވަނަ ދައުރެއް ނުލިބޭނެކަން ޔަގީންވާއިރު މެދުފަންތިއާއި ފަގީރު ފަންތީގެ އެތައް މިލިޔަން ބައެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން އާދަޔާ ޚިލާފަށް ވިޑޯޑޯ މަސައްކަތް ކުރައްވާނެކަމަށް ނުބެލެވޭކަމަށް ޕްރޮފެސަރު ސުކުމާޖާތީ ވިދާޅުވިއެވެ. ވިޑޯޑޯ ވަނީ އޭނާގެ ފުރިހަމަ ތާއީދު ސުބިއާންޓޯއަށް އޮތްކަން އެތައް ފަހަރަކު ހާމަކުރައްވާފައެވެ.

ރައީސް ވިޑޯޑޯގެ ކާމިޔާބު މި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެކަމަށް ޕްރޮފެސަރު ސުކުމާޖާތީ ދެކެވަޑައިގަންނަވައެވެ. އެއީ ވިޑޯޑޯ ރައްޔިތުންނަށް ދެއްކެވީ ސުބިއާންޓޯ އަކީވެސް އޭނާފަދަ ކާމިޔާބު ތަރައްގީ ގެނެސްދެވޭނެ ބޭފުޅެއްކަން ވިޑޯޑޯ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމެވެ.

މިހާތަނަށް 90 އިންސައްތަ ވޯޓު ގުނާފައިވާއިރު ވޯޓު ގުނާ މަރުކަޒުތަކުން ހާމަކުރާ ނުރަސްމީ ނަތީޖާތަކަށް ބަލާއިރު ސުބިއާންޓޯ އާ އެންމެ ގާތުން ވާދަކުރި އަނީސް ބާސުވީދާން އަށްވެސް ލިބިވަޑައިގަތީ ވޯޓުގެ އެންމެ 25 އިންސައްތައެވެ. 17 އިންސައްތައާއެކު ތިންވަނައަށް އެންމެ ގިނަވޯޓު ލިބިވަޑައިގަތީ ގާންޖާރު ބްރާންވޫ އަށެވެ. ދެން ތިއްބެވި ކެންޑިޑޭޓުންނަށް ލިބިވަޑައިގެންފައިވަނީ މިއަށްވުރެވެސް މާ ކުޑަ މިންވަރެކެވެ.

އިންޑޮނޭޝިއާގެ އިންތިޚާބާބެހޭ ކޮމިޝަން ބުނާގޮތުން ވޯޓުގެ ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށެވެ. ނަމަވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ބައެއް ސަރަހައްދުތަކުގައި ވޯޓުލުމަށް ބޮޑެތި ދަތިތަކެއް ދިމާވިކަން އެ ކޮމިޝަނުން ހާމަ ކުރެއެވެ. އެ ކޮމިޝަން ބުނާގޮތުން ރަސްމީ ސިފައެއްގައި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ އަންގާރަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބާއެކު އިންޑޮނޭޝިއާގެ ޕާލަމެންޓަށް މެންބަރުން އިންތިޚާބު ކުރުމުގެ ވޯޓުލުންވެސް ކުރިޔަށް ގެންދިޔައެވެ. އިންޑޮނޭޝިއާގެ ޕާލަމެންޓްގައި 575 ގޮނޑި ހިމެނޭއިރު މި ގޮނޑިތަކަށް 18 ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައިވެސް އެތައް ސަތޭކަ ބަޔަކު ވާދަކުރިއެވެ. ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާ އަދި ސާފުވެފައެއް ނުވެއެވެ.

ދުވިސައްތަ ހަތްދިހަ ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 204 މިލިޔަނެވެ. އިންޑޮނޭޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމެވެ. އިގްތިސާދީގޮތުން ވަރަށް ބާރަށް ކުރިއަރަމުން އަންނަ އިންޑޮނޭޝިއާއަކީ މަދަނީ އަދި ސިނާޢީ އިންފްރާސްޓްރަކްޗާ ވަރަށް ޒަމާނީ ފެންވަރެއްގައި ވަރަށް ވަރުގަދައަށް ބިނާކުރަމުން ގެންދާ ވަރަށް އުންމީދީ ގައުމެކެވެ. ސިނާއީ ބާރަކަށް ވުމުގެ މަގުމަތީގައިވާ ގައުމެކެވެ.

ގާތްގަނޑަކަށް 1.2 ޓްރިލިޔަން ޑޮލަރުގެ އިގްތިސާދަކާއެކު އިންޑޮނޭޝިއާ ހިމެނިފައިވަނީ އިސްލާމީ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެބޮޑު އިގްތިސާދީ ބާރު ކަމުގައެވެ. އިސްލާމީ ދުނިޔޭގެ ދެވަނަ އިގްތިސާދު ކަމަށްވާ ސައޫދީ އަރަބިޔާގެ އިގްތިސާދު އަދި އެއް ޓްރިލިޔަން ޑޮލަރަށްވެސް ނާރައެވެ. ނަމަވެސް އިންޑޮނޭޝިއާގެ ގައުމީ އާމްދަނީ އަކީ (އިގްތިސާދުގެ މިންވަރަކީ) 1.2 ޓްރިލިޔަން ޑޮލަރެވެ.

ދެހާސް ތިރީސް ފަސް ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ ފަސްވަނަ އިގްތިސާދަށް، އަދި 2045 ވަނައަހާ ހަމައަށް ދާއިރު ދުނިޔޭގެ ހަތަރުވަނަ އިގްތިސާދަށް، އިންޑޮނޭޝިއާ ވެގެންދާނެކަމަށް ދިރާސާ މަރުކަޒުތަކުން އަންދާޒާ ކުރެއެވެ.

ދެހާސް ސާޅީސް ފަސް ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އެއްވަނަ އިގްތިސާދަކަށް ވާނީ ޗައިނާއެވެ. ދެވަނަ އިގްތިސާދަކަށް ވާނީ އެމެރިކާއެވެ. ތިންވަނަ އިގްތިސާދަކަށް އިންޑިއާ ވެގެންދާނެކަމަށް ބެލެވޭއިރު އިންޑޮނޭޝިއާ ވެގެންދާނީ ހަތަރު ވަނަ އިގްތިސާދަށެވެ. ދެހާސް ތިރީސް ވަނަ އަހަރާ ހިސާބަށް ދާއިރުވެސް ދުނިޔޭގެ އެއްވަނަ އިގްތިސާދަކަށް އެމެރިކާގެ ބަދަލުގައި ޗައިނާ ވެގެންދާނެއެވެ.

އިންޑޮނޭޝިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕްރޮބޯވޯ ސުބިއާންޓޯ އިންތިޚާބަށް ނުކުމެވަޑައިގަތީ އަށް ޕާޓީ ހިމެނޭ ކޯލިޝަނަކާ އެކުގައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ޣާނީމާ (ސިޔާސީ މަތީފެންވަރުގެ މަގާމުތައް) މި އަށް ޕާޓީގެ މެދުގައި އިންސާފުވެރި ގޮތަކަށް ބެހުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ޕާލަމެންޓްގައި ސަރުކާރުގެ ބާރު ގަދަކުރުމަށްޓަކައި ކޯލިޝަނަށް އިތުރުޕާޓީތައް ވައްދަންވެސް ޖެހޭކަމަށް އޭނާ ވިދާޅުވެއެވެ. އެހެންކަމުން މިހުރިހާ ޕާޓީތަކުގެ އިސްފަރާތްތަކަށްވެސް ރިޔާސީ ޣަނީމާ (ސިޔާސީ ވަޒީފާތައް) ބެހުމަކީ ސުބިއަންޓޯއަށް ކުރިމަތިވެވަޑައިގަންނާނެ ބޮޑު ގޮންޖެހުމެކެވެ.

comment ކޮމެންޓް