އުތުރާއި މެދު ރާއްޖެތެރެއަށް އަދިވެސް ވައި ސާފެއް ނުވޭ

އުތުރާއި މެދު ރާއްޖެ ތެރެއަށް އަދިވެސް ވައި ސާފު ނުވާ ކަމަށް މެޓު އޮފީހުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން މެޓު އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފުނަމަވެސް، ދެކުނު އައްޑޫ ސަރަހައްދުގައި ވައި ރަނގަޅު ކަމަށެވެ.

މެޓު އޮފީހުން ބުނީ މިއަދުގެ ރިޕޯޓު ތަކުން ދައްކާ ގޮތުން ހަނިމާދޫ ސަރަހައްދުން ދުރު ފެންނަނީ ހަތް ކިލޯ މީޓަރަށް ކަމަށެވެ. އަދި މާލޭ ސަރަހައްދުން ދުރު ފެންނަ ދުރުމިނަކީ ހަ ކިލޯމީޓަރު ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

މެޓު އޮފީހުން އިތުރަށް ބުނީ މުޅި ރާއްޖެއަށް އަދިވެސް އެއްކޮށް ވައި ސާފު ނުވާ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ދުރުފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި، ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މިހާރު ވައިގެ މިސްރާބު ހުރިގޮތުން ވަޔާއެކު އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ހިރަފުހާއި ދުން އަންނަ ކަމަށާއި މިކަމުގެ ސަބަބުން ވައި ނުސާފުވާކަމަށް މެޓް އޮފީހުން ބުންޏެވެ.

ވައި ނުސާފުވުމާ ގުޅިގެން މީގެ ކުރިން، އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވައި ނުސާފުވުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ބޭރުގައި އުޅޭ ވަގުތު މަދުކުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން، ބޭރުގައި އުޅޭ ވަގުތު މާސްކު ބޭނުންކުރުމާއި، ކޮޓަރި ތަކުގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމުގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް