ބިޔަ މަޝްރޫއުތައް ގިނަވާން ފެށީމާ ޑޮލަރުގެ މައްސަލަ ހައްލުވާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ އިންވެސްޓްމަންޓުތައް އައުމުން ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އިގްތިޞާދު ރިފޯމް ކުރެވި ބޮޑެތި މަޝްރޫއުތައް ހިނގަން ފެށުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ކ. މާފުށި، ޖަންބުމާގޭ، އަހްމަދު ސަމީރު ވަނީ އާންމުންނަށް ޑޮލަރު ހޯދަން ހުރި ދަތިތައް ހިއްސާކޮށްފައެވެ.

"ވަރަށް ހާލުގައި އާންމު މީހުން ޑޮލަރު ހޯދަން މި ޖެހެނީ. އާސަންދައިން ޓިކެޓު ދިނަސް ވެސް އަދި ސަލާމްޖަހަން ޖެހެނީ. އެ ލިބޭ 500 ޑޮލަރަކުން ނުއެއްވޭ. އެހެންވީމައި މިއަށްވުރެ ރަނގަޅު ގޮތަކަށް މިކަން ހަމަޖައްސައިދެވޭނީ ކޮންއިރަކުންތޯއޭ،" ސަމީރު އެހިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ދަތިކަން ހައްލުކުރަން މަސައްކަތް ކުރާކަމަށެވެ.

"އިރާދަކުރެއްވިއްޔާ ބިޔަ ބޮޑެތި މަޝްރޫއުތައް ހިނގަން ފެށީމައި އިންވެސްޓްމަންޓްތައް ގިނަވާން ފެށީމައި ޑޮލަރު ތިޔާގިވާނެ،" ރައީސް ވިދާޅުވިއެވެ.

މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓޭނެ ވަގުތަކާ ގުޅިގެން ސަމީރު ކުރި ސުވާލަށް ޖަވާބުދެމުން ރައީސް ވިދާޅުވީ، މި އަހަރު ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓައިދެއްވާނެ ކަމަށެވެ. އަދި، މަޝްރޫއުތައް އެންމެ ފަހު ވަގުތަށް ނުބަހައްޓާނެ ކަމަށާއި މާފުށީ ބިން ހިއްކުން ވެސް ކުރިއަށް އޮތް ތަނުގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަހަރު ތެރޭގައި އެ މަޝްރުއު ފެށުން ފަހަރެއްގައި އަންލައިކްލީ ވެދާނެ އެކަމަކު ވީހާވެސް އަވަހަކަށް، ދެންމެ ތި ވިދާޅުވި ގޮތަށް އެންމެ ފަހު އަހަރަށް މަޑުކޮށް، އެއީކީ ނޫން އަޅުގަނޑު މަސައްކަތް ކުރާނެ ގޮތަކީ. ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ހެވާ ލާބަ ލިބޭ މަޝްރޫއުތައް ކުރިއަށް ގެންދަން ބަލަން،" ރައީސް ވިދާޅުވިއެވެ.

https://sun.mv/188628

ޑޮލަރުގެ ދަތިކަން ބޮޑުވެ، ބްލެކް މާކެޓްގައި ޑޮލަރެއްގެ އަގު 18 ރުފިޔާއިން މަތީގައި ހުންނަތާ ވެސް އެތައް މަހެއް މިވަނީ ވެފައެވެ. މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ މި ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވުމާ އެކު ބާޒާރުގެ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެއެވެ.

ބޭންކުތަކަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ވެސް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

comment ކޮމެންޓް