ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަނީ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން އޭޖީ އޮފީހުން ވަނީ ނިންމައިފަ -- ފޮޓޯ/ ރައީސް އޮފީސް

ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައިކޯޓުން މިއަދު ކުރި އަމުރު، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުޅިފަޅު މަޝްރޫއަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށެވެ. އަދި ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސެންޓު ވަރު މިހާރު ނިމިފައިވާއިރު، އެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކަށް ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމީ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އެ މައްސަލަ އެންމެ ލަސްވެގެން މާދަމާ ސުޕްރީމް ކޯޓަށް ހުށަހަޅާނެއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާކަަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން އެދި އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު ހުށަހެޅި މައްސަލައިގައި އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެނުދިނުމުން އޭނާ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި ވަނީ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، މައްސަލަ ނިމެންދެން މަޝްރޫއު ހުއްޓަން އަމުރުކޮށްފައެވެ.

އެ އަމުރާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ގުޅީފަޅުގެ ބިން ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން ލައްކަ ޑޮލަރު, އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، ބޮސްކާލިސްއަށް ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.

https://sun.mv/188686

ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވިއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކައި ނިންމައިފައެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ގުޅީފަޅުގެ ބިމުން، އިތުރު ބައެއް ހިއްކުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ނިންމަވައިފައެވެ. އެގޮތުން ކުރިން ހިއްކަން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް 85 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

comment ކޮމެންޓް