ޕްރައިމަރީން ނާކާމިޔާބުވި ދުންޔާ އަމިއްލަ ގޮތުން ވާދަކޮށްފި

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމު ހުށަހަޅަނީ --

ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ޕްރައިމަރީން ނާކާމިޔާބުވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އަމިއްލަ ގޮތުން ވާދަކުރައްވަން މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ސަރުކާރު ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް މިދިޔަ މަހު 27ގައި ބޭއްވި އެ އިންތިޚާބުން ދުންޔާ ވަނީ ނާކާމިޔާބުވެފައެވެ.

އެކަމަކު، އޭނާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

މިދިޔަ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމުން ބޮޑު މެޖޯރިޓީއެއް ހޯއްދަވާފައިވަނިކޮށް، ދުންޔާ އެ ޕާޓީއާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މިއަދު އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ އެ ޕާޓީން ވަކިވެފައި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

"ހުޅުމާލޭ ދެކުނު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އަޅުގަނޑު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީސް 2024ގައި ވާދަކުރަން ފޯމު ހުށަހަޅައިފިން. ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސާބިތުވެ ހުންނާނަން،" ދުންޔާ އެކްސްގައި ވިދާޅުވިއެވެ.

ޕީޕީއެމަށް ސޮއި ކުރެއްވުމުގެ ކުރިން ދުންޔާ ހުންނެވީ އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައި އޮތް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްގެ މަގާމުގައެވެ.

ބައްޕާފުޅު، ކުރީގެ ރައީސް މަައުމޫން އަބްދުލްގައްޔޫމާ އެކު މީގެ ކުރިން ދުންޔާ ވަނީ ޑީއާރުޕީއާއި ޕީޕީއެމްގައި ވެސް މަސައްކަތް ކުރައްވައިފައެވެ. މިދިޔަ ޕީޕީއެމް ވެރިކަމުގައި ދުންޔާ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. އެކަމަކު، އެ ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެ މަގާމުން އިސްތިއުފާދެއްވީއެވެ.

އެކަމަކު، އޭގެ ފަހުން އަނެއްކާ ވެސް ޕީޕީއެމާ ގުޅި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. ދުންޔާ އެމްއެންޕީއާ ގުޅުނީ މިދިޔަ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

comment ކޮމެންޓް