ހުޅަނގު އައްސޭރީގައި ދިރިއުޅޭ އިސްރާއީލުގެ ވަޒަންވެރިންނަށް ފްރާންސަށް ނުވަދެވޭގޮތް ހަދަނީ

ހުޅަނގު އައްސޭރީގައި ދިިރިއުޅޭ އިސްރާއީލުގެ ވަޒަންވެރިންނާއި އިސްރާއިލު ސިފައިން. ފޮޓޯ/އަލް އަރަބިޔާ

އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް ދޭ ކަމަށް ތުހުމަތުކޮށް އިސްރާއީލުގެ 28 ވަޒަންވެރިން ފަރަންސޭސިވިލާތަށް އެތެރެވުން މަނާކުރާނެ ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން ތިބި އިސްރާއިލުގެ ވަޒަންވެރިންނަށް އެ ފިޔަވަޅު އަޅަން ފަރަންސޭސިވިލާތުން ނިންމައިފައި ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް އިސްރާއީލުގެ ވަޒަންވެރިންދޭ ހަމަލާތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ވަޒަންވެރިން ދެމެންގެންދާ އަނިޔާވެރިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިސްތިއުމާރުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށްވެސް ފަރަންސޭސިވިލާތުގެ ހާރިޖީ ވުޒާރާއިން ބުނެއެވެ. އަދި އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު ދިރިއުޅެވޭނެ ހަމައެކަނި ހައްލަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

އދގެ ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ޣައްޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް އިސްރާއީލުގެ ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ދެ ގުނައަށް އިތުރުކޮށްފައެވެ. އެ ހަމަލާތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން މިހާރުވެސް ވަނީ އެފަދަ އަނިޔާތައް ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އިސްރާއީލުގެ ވަޒަންވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

comment ކޮމެންޓް