''ބޫލް ބުލައިޔާ''ގެ ތިންވަނަ ބައިން އަކްޝޭ ނުފެންނާނެ

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ކެރިއަރުގެ ކާމިޔާބު ހޮރޯ ކޮމެޑީ ފިލްމު "ބޫލް ބުލައިޔާ"ގެ ތިންވަނަ ސީކުއަލްއިން އަކްޝޭ ނުފެންނާކެން ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ކަށަވަރުކޮށް ދީފިއެވެ.

މީގެ 17 އަހަރު ކުރިން ސިނަމާތަކަށް އައި ފިލްމުގެ ލީޑް ރޯލުން އަކްޝޭ ކުމާރު ފެނުނު ނަމަވެސް މި ފިލްމުގެ ދެވަނަ ބައިގެ ލީޑް ރޯލް ކުޅެފައި ވަނީ ޒުވާން އެކްޓަރު ކާތިކް އާރިޔަންއެވެ.

ފިލްމު "ބޫލް ބުލައިޔާ2"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު ފިލްމުގެ ތިންވަނަ ބައެއް އުފައްދަން އިއުލާނުކޮށް އަންނަ މަހު މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައެވެ. މި ފަހަރުގެ ބައިން ވެސް ކާތިކް އާރިޔަން ލީޑް ރޯލުން ފެންނާނެއިރު ފިލްމުގެ މުހިއްމު ރޯލަކުން ބަތަލާ ވިދިޔާ ބާލަން އަދި މަދޫރީ ޑިކްސިޓް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ޚަބަރުތަކާ އެކު އަކްޝޭ ކުމާރަށް ވެސް ފިލްމުގެ ރޯލެއް ހުށަހަޅާފައިވާ ކަމަށް ނޫސްތަކުން އައީ ބުނަމުންނެވެ.

އެހެންނަމަވެސް ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ވަނީ އެ ޚަބަރުތައް ދޮގުކޮށްފައެވެ. އަކްޝޭ ކުމާރާ އެކު ފިލްމެއް އުފެއްދުމުގެ ޝައުގުވެރިކަން އަނީސްގެ ހުރި ނަމަވެސް އަކްޝޭއަށް ހާއްސަކޮށް ސްކްރިޕްޓެއް އަދި ތައްޔާރު ނުކުރެވޭކަމަށް ތަޖުރިބާކާރު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

އެކްޓަރު ކާތިކް އާރިޔަން އަދި އަކްޝޭ ކުމާރު-- ފޮޓޯ/ އިންޓަނެޓް
ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ވިދިޔާ ބާލަން ފެންނާނެކަން ކަށަވަރުކޮށް ދެމުން އަނީސް ބުނެފައިވަނީ މި ފަހަރުގެ ބައި ވަރަށް ޝައުގުވެރިވާނެ ކަމަށެވެ.

މިދިޔަ އަހަރު، ފިލްމު "މިޝަން ރާނީގަންޖް"އިން އަކްޝޭ ކުމާރު ފެނިފައިވާއިރު އަކްޝޭގެ އެކްޝަން ތުރިލާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" މި އަހަރުގެ އޭޕްރީލް މަހު ސިނަމާތަކަށް އަންނާނެއެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އަގުބޮޑު ތަރިންގެ ތެރޭ ހިމެނޭ އެކްޓަރު މިހާތަނަށް 10 ފިލްމަށް ސޮއިކޮށްފައިވާއިރު އޭގެ ތެރެއިން ދެ ފިލްމެއް ވަނީ ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައެވެ.

comment ކޮމެންޓް