ރައީސް ޔޫއޭއީގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، ޑިފެންސް މިނިސްޓަރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ނައިބު ރައީސް، ބޮޑުވަޒީރު، ޑިފެންސް މިނިސްޓަރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިއްޔެ ފެށި ވޯލްޑް ގަވަމަންޓްސް ސަމިޓްގެ ހަވާސާގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސާއި ބޮޑުވަޒީރު، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި ތަރައްގީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

"މީގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި،" އެ އޮފީހުން ބުންޏެވެ.

ދެ ބޭފުޅުން ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ރާއްޖެއާއި ޔޫއޭއީގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދު އޮތްކަން ފާހަގަކުރައްވައި ކަމަށް ވެސް ބަޔާނުގައިވެއެވެ.

މިއަދު ރައީސް ވަނީ ގަވަމެންޓްސް ސަމިޓްގައި ތަގުރީރުކުރައްވައިފައެވެ. ރައީސް ވިދާޅުވީ، އެކުވެރި ގައުމުތައް ދޫކޮށްލުމަށް ފަހު އަމިއްލަ ގައުމަށް ގެންނަ ތަރައްގީ ފުރިހަމައެއް ނުވާނެ ކަމަށާއި، ތަރައްގީ ގެންނަން ޖެހޭނީ އެގައުމަކަށް އިހުތިރާމު ކުރާ އަވަށްޓެރި އަދި އެކުވެރި ގައުމުތަކަށް ވެސް ކުރިއެރުން ލިބޭ ގޮތަށް ކަމަށެވެ.

comment ކޮމެންޓް