ފަނޑިޔާރުންނަށް ހުރަސްތައް އެބަހުރި، މައްސަލަތަކަށް ގާނޫނުން މުއްދަތު ކަނޑައަޅަން ޖެހޭ: ޔާމީން

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި: ޔާމީން ވަނީ، މައްސަލަތައް ނިންމުމުގައި ފަނޑިޔާރުންނަށް ހުރަސްތަކެއް ހުރި ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

ފަނޑިޔާރުގެެއިން އިންސާފު ނުލިބި ލަސްވާ މަރުހަލާތަކަށް ގާނޫނުން މުއްދަތު ކަނޑައަޅަން ޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ ތާއިދާއެކު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުން ތައާރަފުކުރުމަށް ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ކޯޓުތަކުގެ މަސައްކަތް ފުރިހަމަ އިތުބާރާ އެކު ފަނޑިޔާރުންނާ ހަވާލުކުރި ނަމަވެސް، އެބޭފުޅުންނަށް ކަންކަން ތަންފީޒު ކުރުމުގައި ހުރަސްތަކެއް ހުންނަ ކަމަށެވެ. އެެހެންކަމުން ބައެއް މަރުހަލާތައް އިންތިހާއަށް ދިގުލައިގެން ދާކަމަށް ޔާމީން ވިދާޅުވިއެވެ.

"...ކޯޓުތަކުގެ ފަރާތުން އަންނާނެ ޝަކުވާއަކަށް ވާނީ ވަސީލަތް ނެތުން. ދައުލަތުން ހުރިހާ ކަމެއް ހުއްޓާފައި ވެސް ކޯޓުތަކަށް ވަސީލަތް ޖެހޭނީ ހޯދައިދޭން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މުއްދަތެއް ނެތް ގޮތަށް މައްސަލަތައް ދިގުލައިގެން ދިއުން ހުއްޓުވުމަށް ޓަކައި ސުޕްރީމް ކޯޓު، ހައިކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުތަކުން ވެސް ކަންކަން ނިންމަން ގާނޫނުން ވަކި މުއްދަތެއް ބަޔާންކުރަން ޖެހޭކަމަށް ޔާމީން ވިދާޅުވިއެވެ.

"މިއީކީ އަނެއްކާ ބީރައްޓެހި އުސޫލެއް ވެސް ނޫން. މިހާރު ވެސް ގާނޫނުތަކުގައި އެބަ ހުރި ހަމަ ފަނޑިޔާރުގެއިން ކުރާ ކަންކަމަށް މުއްދަތު ކަނޑައަޅާފައި،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ދައުލަތުގެ އެއް ބާރުން ކުރާ ކަންކަމުގެ ތެރެއަށް އަނެއް ބާރުން ވަދެވިގެން ނުވާނެ ކަމަށެވެ. އަދި އެއްބާރުން އަނެއް ބާރަށް ފާރަވެރި ވުމުގެ މާނައަކީ، އެއް ބާރެއް މަގުން ކައްސާލާނަމަ ރަނގަޅުކުރުން ކަމަށާއި އެއްގޮތަކަށް ވެސް އޭގެ މާނައަކީ އަނެއް ބާރުގެ ތެރެއަށް ވަންނަން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

"އެއްބާރުން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ ސްކޯޕުން ދުރަށްދާކަމަށް ވަންޏާ ރަނގަޅު ކުރާށޭ. އެހެންވީމަ އެޔަށް މި ކިޔަނީ ޗެކް އެންޑް ބެލެންސް އޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، މިހާރު މިއޮތް ވަރަށްވުރެ ބޮޑަށް ކޯޓުތަކުގެ މަސްއޫލިއްޔަތާއި، ސުޕްރީމް ކޯޓުން ވަންނަން ނުޖެހޭ ދާއިރާތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަން ޖެހޭކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ވ. އާރަށު މައްސަލައިގައި ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިމުނުތާ މިހާރު ވަނީ ދެ މަސް ދުވަސް ވެފައެވެ. ނަމަވެސް ހުކުމް ކުރެވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ބުނެ ޕީއެންއެފްއަށް ތާއީދުކުރާ މީހުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ދެހާސް ބާވީސް ވަނަ އަހަރު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ފަތުރުވެރިކަމަށް އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމުންނެވެ. އެ ހުކުމް އެ މަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، މި ސަރުކާރު އިންތިޚާބުވުމާއެކު ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް